ޚަބަރު

މާލެއާއި އަތޮޅުތެރެއާ ދެމެދު ބާއްވާ ފެރީ ޚިދުމަތް އަލުން ފަށައިފި


ކޯވިޑާ ގުޅިގެން ހުއްޓާލާފައިވާ ޒޯން 3 ގަ ހިމެނޭ ރަށްތަކުގެ ފެރީގެ ޚިދުމަތް އެމްޓީސީސީން ފަށައިފިއެވެ. މިދަތުރުތައް އަލުން ފަށާފައިވަނީ މިއަދުއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. އެމްޓީސީސީން އަންނަނީ ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން ދަތުރުފަތުރުގެ ޚިދުމަތް ދެމުންނެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު ދަތުރުފަތުރުގެ ޚިދުމަތަށްވަނީ ބޮޑު ހުއްޓުމެއް އައިސްފައެވެ. އެގޮތުން އަތޮޅުތެރޭގައި ދެމުން އައި ފެރީގެ ޚިދުމަތުގެ ތެރެއިން ކ، އއ، އދ އަދި ވ. އަތޮޅު މާލެއާއި ގުޅުވައިދޭ ފެރީތައްވެސްވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް މިމަހުގެ 15އިން ފެށިގެން މިއަތޮޅުތަކުގެ ފެރީތައްވަނީ އަލުން ފަށާފައެވެ. މިޚިދުމަތް މާލެއިން ދިނުމުގައި ބޭނުންކުރާނީ ހެންވޭރު ޓަރމިނަލް ނުވަތަ ހުޅުމާލޭ ފެރީ ޓަރމިނަލްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ ފެރީގެ ޚިދުމަތަކީ ޢާއްމުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދަތުރުފަތުރުގެ ޚިދުމަތަކަށްވުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމަކީ އެމްޓީސީސީން ޚާއްސަ އިސްކަމެއްދޭކަމެއްކަމަށެވެ.


މިހާރު އެމްޓީސީސީއިން އަންނަނީ ކޮމްޕްރިހެންސިވް ޓްރާންސްޕޯޓްގެ ނަމުގައި މާލެއިން ދެކުނުގެ އަތޮޅުތަކުގައި ޚިދުމަތް ދެމުންނެވެ. އެގޮތުން މ، ފ، ދ، ތ، ލ، ގއ، އދ، އަދި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށްވެސް ފެރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ފެރީގެ ޚިދުމަތް މިމަހުވަނީ ފަށާފައެވެ. މިޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޒޯން 1 ގައެވެ. މިޒޯންގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ހދ.ގެ އަތޮޅުތަކުގެ ރަށްތަކުގައެވެ. އެންމެ ފުރަތަމަ ޚިދުމަތް ފަށާ އެޒޯންގައި 5 ރޫޓަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ރާއްޖެ ދަތުރުފަތުގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު ރަސްމީކޮށް ފެރީގެ ޚިދުމަތް ފަށާފައިވާއިރު އެންމެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޚިދުމަތްދީފައިވަނީ މުޅިން ހިލެއެވެ. އަދި މިޚިދުމަތް އަންނަ ޖޫންމަހު ޒޯން 1 ގައި ހިމެނޭ ހއ، އަދި ށ އަތޮޅަށް ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.