ޚަބަރު

ހޯރަފުށީ މަގުހެދުން: ކާސްޓިންގ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިންގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ. އެކުންފުނިން ހާމަކުރި ގޮތުގައި މިމަސައްކަތުގެ %84 މިހާރުވަނީ ނިމިފައެވެ.

އެކުންފުނިން ބުނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެވެސް 36 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، ކާބްސްޓޯން ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދައި 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއަޅައި ތަރައްގީރުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މަގުބައްތި އާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތް ނިންމައި ހަވާލުކުރުމަށް ދީފައިވަނީ 470 ދުވަހެވެ.