ޚަބަރު

ފަނޑިޔާރުން ބަދަލުކުރެވޭނީ ސުޕްރީމްކޯޓުން ނިންމާ ގޮތެއްގެ މަތިން


ދަށުކޯޓުގެ ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުން ނިންމަވާ ގޮތެއްގެ މަތިން ކަމުގައި ކަނޑައަޅުއްވައިފިއެވެ.ސުޕްރީމް ކޯޓުން ނެރުއްވާފައިވާ " ދަށުކޯޓުގެ ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުޞޫލު" ގައި ވިދާޅުވެފައިވަނީ އެއްވެސް ސަބަބަކާ ހުރެ ދަށުކޯޓެއްގެ ފަނޑިޔާރެއް އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާ ނިންމެވުމެއްގެ މައްޗަށްކަމަށެވެ.އަދި އެއްވެސް ސަބަބަކާ ހުރެ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ދަށުކޯޓުގެ ފަނޑިޔާރަކު އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމަށް ހުށައަޅައިފިނަމަ އެސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބައްލަވާ ކަށަވަރު ކުރައްވަންޖެހޭނެ ކަމަށް އެސަރކިއުލަރގައިވެއެވެ. މީގެ އިތުރުން މި އުސޫލުގެ ދަށުން ފަނޑިޔާރަކު އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ އެފަނޑިޔާރަކު މަސައްކަތަ ކުރައްވަމުން ގެންދެވި ކޯޓާއި އެއް ދަރަޖައެއްގެ ކޯޓަކަށްކަމަށް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވުމުގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކި ސަބަބުތަކާ ގުޅިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރައްވައެވެ.