ޚަބަރު

ދަރަވަންދޫ ގިރުމުގެ މައްސަލަ: ފަތުރުވެރިކަމުގެ ވިޔަފާރިއަށް އޮތް ގޮންޖެހުމެއް


ބ.އަތޮޅުގެ މައި ދޮރާށި ކަމުގައި ދެކޭ އެއަތޮޅު ދަރަވަންދޫ އަކީ ރަށްގިރުމުގެ މައްސަލަ ކުރިމަތި ވަމުން އަންނަ ރަށެކެވެ. މިމައްސަލައަކީ އެރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެފައިވާއިރު އެކަމަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެމަސައްކަތައް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސް ސައިޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، އަދި 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. 22.14 މިލިއަން ރުފިޔާ ޚަރަދުވާ މި މަސައްކަތުގެ ދަށުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށު ކައުންސިލާ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ޝަމީޙް ވިދާޅުވިއެވެ.

ދަރަވަންދޫއަކީ ކޮންމެ މޫސުމަކަށްވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ރަށެކެވެ. ހުޅަނގު މޫސުމަށް ރަށުގެ ހުޅަނގު ފަރާތް އިރުވައި މޫސުމަށް ރަށުގެ އުތުރު ފަރާތް ގިރާކަމަށް އަލީ ޝަމީހް ވިދާޅުވިއެވެ.

އެރަށުގެ އުތުރު ފަރާތަކީ ގެސްޓް ހައުސް ވިޔަފާރިކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދެކެވެ. އަލީ ޝަމީޙް ވިދާޅުވީ މިސަރަހައްދު ގިރަނީ އިރުވައި މޫސުމަށްކަމަށާއި އަހަރަކަށްވުރެ އަހަރެއް ގިިރުމުގެ މައްސަލަ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

"މީ އިއްޔެއަކު މިއަދަކު ވާކަމެއް ނޫން އަބަދުވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވޭ އަދި ފަތުރުވެރިކަމަށް ދޫކޮށްފައި އޮންނަ ސަރަހައްދު ގިރާތީ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ކަންބޮޑުވުން އަބަދުވެސް އޮވޭ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އަލީ ޝަމީޙް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ މިރަށުގައި އެވިޔަފާރި ފުޅާ ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ސަރުކާރާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެރަށުގައި ރައްކާތެރި ޒަމާނީ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެން ދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.