ޚަބަރު

އިޤްތިޞާދީ އަދި ސިޔާސީ މައްސަލަތަކުގެ ތެރެއިން ލުބުނާނު އިންތިޚާބަކަށް


އިޤްތިޞާދު ހީނަރުވެ ސިޔާސީ ބޮޑެތި ދެބަސްވުންތަކުގެ ތެރެއިން ލުބުނާނުގައި ޢާއްމު އިންތިޚާބެއް ބާއްވައިފިއެވެ.

ލުބުނާނުގައި ބާއްވައި ޢާއްމު އިންތިޚާބަކީ ހިޒުބުﷲ ޖަމާޢަތަށް އޮތް ތާޢީދު ވަޒަންކުރުމަށް ލިބޭ ފުރުޞަތެކެވެ. ލުބުނާނަށް ބޮޑު އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާންޖެހިފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ހިޒުބުﷲގެ ސަބަބުންކަމަށް ގިނަ ބަޔަކު ތުޙުމަތުކުރެއެވެ. މި ފަހަރުގެ އިންތިޚާބުގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސަޢުދުލް ޙަރީރީއާއި އޭނާއަށް ތާޢީދުކުރާ ސުންނީ ޕާޓީތަކުން ވާދައެއް ނުކުރެއެވެ. އެހެންކަމުން އިތުރު ގޮނޑިތަކެއް ހޯދުމުގެ ފުރުޞަތު އަނެއްކާވެސް ހިޒުބުﷲއަށްވަނީ ލިބިފައެވެ.

2018ވަނަ އަހަރުގެ ޢާއްމު އިންތިޚާބުގައި ހިޒުބުﷲ އިސްވެ އެކުލަވާލާފައިވާ އިއްތިޙާދުންވަނީ ޤާނޫނުހަދާ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު ލުބުނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވުމުގެ ފުރުޞަތު އީރާނަށް ލިބުނެވެ.

ލުބުނާނުގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވަނީ އެ ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެހީވުމަށް ފަސްޖެހިފައެވެ.