ކުޅިވަރު

ދަގަނޑޭ އާއި ސާއިދު މަޖީދީ ރަންގައި ބައިވެރިވެއްޖެ


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މަޖީދީ ރަންގައި ބައިވެރިވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރި ދަގަނޑޭ އާއި ސާއިދު މަޖީދީ ރަންގައި ބައިވެރިވެފައިވަނީ ހޮނިހިރު ދުވަހުއެވެ. އަދި މި ދެ ދުވުންތެރިން ވަނީ 10 ކިލޯމީޓަރު ފުރިހަމަކޮށްފައެވެ.

މި ދެ ދުވުންތެރިންގެ އިތުރުން މި ރަންގައި ކުޅިވަރުގައި ފާހަގަކޮށްލެވޭ އެހާރާއި މިހާރުގެ ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ މިހަރަކާތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މި ދުވުން ފަށާފައިވަނީ ހުކުރު ދުވަހުގެރޭ 21:30 ގައެވެ. އަދި 95 ގަޑިއިރު ހަމަކޮށް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މިދިޔަ އެޕްރީލްމަހުގެ 19 ވަނަ ދުވަހުގައެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސްކޫލާއި އެކުއެވެ. މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.