ޚަބަރު

ސައިނާއަށް ދިން ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފި


ފާއިތުވި ދުވަސްތަކުގައި މިޞްރުގެ ސައިނާއަށް ދިން ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.

އައިއެސް ޖަމާޢަތުން ސައިނާއަށް އެންމެ ފުރަތަމަ ޙަމަލާ ދީފައިވަނީ މެއި މަހުގެ 7ވަނަ ދުވަހުއެވެ. މިޞްރުގެ އަސްކަރީ މަޤާމަށް ދިން އެ ޙަމަލާގައި 11 ސިފައިން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އޮފިސަރެއްވެސް ހިމެނެއެވެ. އޭގެ ފަހުން މެއި މަހުގެ 11ވަނަ ދުވަހުވެސް އައިއެސް ޖަމާޢަތުން ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާގައި މިޞްރުގެ އަސްކަރިއްޔާއަށް ނިޞްބަތްވާ ފަސް ސިފައިން މަރުވެފައިވެއެވެ. އެއީ ފާއިތުވި އަހަރުތަކުގައި މިޞްރަށް ދިން އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. ރައްދުގައި މިޞްރުގެ އަސްކަރިއްޔާއިންވަނީ އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

2018ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއާއި ސައިނާގެ އުތުރުގެ ބިންތައް ގުޅޭ ސަރަޙައްދުގައި އަމަން ބެލެހެއްޓުމަށް މިޞްރުގެ އަސްކަރިއްޔާއިންވަނީ ޙަރަކާތްތެރިވެފައެވެ. އައިއެސް ޖަމާޢަތުން ޙަމަލާދީފައިވަނީ އެ ސަރަޙައްދުގައި މިޞްރުގެ ސަރުކާރުން އުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގައި އެ ސަރަޙައްދުގެ ދިރިއުޅުން ޢާއްމު ޙާލަތަކަށް އައިސްފައިވަނިކޮށެވެ.