ރޭ ކުޅެން ހަމަޖެހިފައި އޮތް އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022 ގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު މޫސުން ގޯސްވުމުގެ ސަބަބުން މިރެއަށް ފަސްކޮށްފިއެވެ.
ބައިބަލާ އެސޯސިއޭޝަނުން ބުނީ މާލެ ސަރަހަައްދަށް ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް މިރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މި ގޮތަށް މެޗުތައް ފަސްކުރީ މޫސުމާ ބެހޭ ގައުމީ އިދާރާއާވެސް މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.
ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ކުރިއަށްދާ ބައިބަލާ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗުތައް އެއާއެކު މިރޭ ކުޅުން ތާވަލުކުރިއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި ވަނީ ކުލަބު އީގަލްސް އާއި ކުލަބު ޓީނޭޖެވެ. އަދި ސެމީ ފައިނަލް ދެ ވަނަ މެޗުގައި ކުލަބު 010 ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެއަށްފަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 11 ޖަހާއިރެވެ.
ސެމީއަށް އީގަލްސް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި އެލްޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ސީދާ ދެ ގޭމުން ކުރިހޯދައިގެންނެވެ. އަދި ކުއާޓާގައި ދެވަނަ މެޗުގައި ޓީސީން ވަނީ ބީޖީ ޖޫނިއާސްގެ މައްޗަށް ދެ ގޭމުން ކުރިހޯދާފައެވެ.
މީގެ އިތުރުން ސެމީއަށް ޓީނޭޖް ދަތުރުކުރީ ކުއާޓާގައި ޔުނައިޓެޑް އީސްޓް ކޯސްޓް ދެ ގޭމުން ބަލިކުރުމަށްފަހުއެވެ. އަދި ކުއާޓާގެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކަށް ވެގެންދިޔައީ، ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބާއި ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތަށް ނުކުތް 010 ގެ މެޗެވެ. 10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ބީޖީގެ މައްޗަށް 010 އިން ކުރިހޯދީ ގަދަ ހިފުމަށްގޮސް ތިންވަނަ ގަދަ ހިފުން ކާމިޔާބުކޮށްގެންނެވެ.
މި ފަހަރުގެ ބައިބަލާ މުބާރާތުގެ މެޗުތައް ކުޅެވިގެންދަނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.