ކުޅިވަރު

ޕެނަލްޓީގައި ޗެލްސީ ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ލިވަޕޫލަށް

ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ލިވަޕޫލުން ހޯދައިފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގެ 90 މިނެޓާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ލިވަޕޫލް ކުރި ހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޖަހައިގެން މި މެޗުން ލިވަޕޫލް މޮޅުވިއިރު، މިދިޔަ ފެބްރުއަރީ މަހު އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަންވެސް ލިވަޕޫލުން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެންނެވެ. އަދި 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕުގެ ފައިނަލުގައިވެސް ޕެނަލްޓީ ޖަހައިގެން ލިވަޕޫލުން ޗެލްސީ ބަލިކުރިއިރު، ލިވަޕޫލުން މިހާރު ވަނީ ޖެހިޖެހިގެން ތިން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފައެވެ.

މީގެ އިތުރުން މި ނަތީޖާއާއެކު ޗެލްސީ ވަނީ ޖެހިޖެހިގެން އެފްއޭ ކަޕުގެ ފައިނަލުން ތިން ފަހަރު ބަލިވެފައެވެ. އެގޮތުން މިދިޔަ ދެ އަހަރު ފައިނަލުގައި ޗެލްސީ ބަލިވީ ލެސްޓާ ސިޓީ އާއި އާސެނަލް އަތުންނެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ފަށައިގެން ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް ލުއިސް ޑިއާޒަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ޗެލްސީގެ މާކޯސް އަލޮންސޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ އަލޮންސޯ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލުގެ ޑިއާޒް އާއި އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާތައްވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އެއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ލިވަޕޫލުން ވަނީ އެ ޓީމުން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ލިވަޕޫލް މޮޅުކޮށްދޭން ސަޑިއޯ މާނޭ ފޮނުވާލި ފަސްވަނަ ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ. ނަމަވެސް މި ޝޫޓްއައުޓުގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ މޭސަން މައުންޓް ފޮނުވާލި ހަވަނަ ޕެނަލްޓީ ލިވަޕޫލުގެ ކީޕަރު އެލިސަން ވަނީ ހުއްޓުވާފައެވެ.

މި މޮޅާއެކު ލިވަޕޫލުން އަށްވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މި ސީޒަނުގެ ކުރިން އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2006 ވަނަ އަހަރެވެ.

އަދި މި ކާމިޔާބީއާއެކު މި ސީޒަނުގެ ހަތަރު ތަށި ކާމިޔާބުކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. އެގޮތުން މީގެ ކުރިން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމު ވަނީ ޔުއެފަ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި ލިވަޕޫލުން އަންނަނީ މެންޗެސްޓާ ސިޓީގެ ފަހަތުން އިނގިރޭސި ޕްރިމިއާ ލީގަށްވެސް ވާދަކުރަމުންނެވެ.