ޚަބަރު

ތަފާތުބޮޑުކޮށް އިންތިހާބު ކާމިޔާބުކޮށް، އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ


ބޮޑު ތަފާތަކާއެކު އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްގެ އިންތިޚާބު އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް ކާމިޔާބުކުރައްވައިފިއެވެ.

ރޮޒައިނާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ޞަފާތު އަޙްމަދާއި ވާދަކޮށްގެންނެވެ.

ވޯޓު މަރުކަޒުތަކުން ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުން ރޮޒައިނާ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 65 އިންސައްތަ ވޯޓުންނެވެ. ޞަފާތަށް ލިބިވަޑައިގަތީ 35% ވޯޓެވެ.

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ ވާދަކުރައްވާ ކެމްޕެއިން ކުރެއްވީ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޟް އިސްމާޢީލާ އެކުއެވެ. އެގޮތުން ރޮޒައިނާ އަދި ފައްޔާޟް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ އިންތިޚާބު ވެއްޖެނަމަ ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރައްވާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ. އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުމެވެ.

އެމްޑީޕީގެ އޮނިގަނޑު ކަނޑައަޅަފައިވާގޮތުން އަންހެނުންގެ ރޫހުގެ މަސައްކަތްތަކުގެ ތެރޭގައި އެމްޑީޕީގެ ހަރަކާތްތަކުގައާއި ނިންމުންތަކުގައި އަންހެން މެމްބަރުންގެ ބައިވެރިވުން އިތުރުކުރުމާއި، ޕާޓީގެ ނިންމުންތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ނުކުޅެދޭ މީހުންނާއި އެހެންވެސް މައިނޯރިޓީ ގްރޫޕްތަކަށް ތަފާތުކުރުންތައް ނެތްގޮތަށް ނިންމުންތައް ނިންމުމަށް ބާރުއެޅުން ހިމެނެއެވެ.
މީގެ އިތުރުން އެޕާޓީގެ ނިންމުންތަކުގައި އަންހެނުންނާއި މައިނޯރިޓީ ގްރޫޕްތަކުގެ މަސްލަހަތު ހިމާޔަތްކުރުމާއި، ޕާޓީގެ އިންތިޚާބީ މަގާމުތަކަށް ވީހާވެސް ގިނަ އަންހެން މެމްބަރުން ވާދަކޮށް އެމަގާމުތަކަށް އިންތިޚާބުކުރުވުންވެސް އެޕާޓީގެ އަންހެނުންގެ ރޫހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.