ޚަބަރު

މިއީ 2023ގެ އިންތިޚާބު ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޟް


އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މެންބަރުން ދިން ވޯޓަކީ، ސަރުކާރާއެކު ކުރިއަށްގޮސް 2023 ކާމިޔަބުކުރުމަށް ދިން ވޯޓެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިިޚާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި ވާދަކުރައްވާ ވާދަވެރި އިންތިޚާބަކަށްފަހު މިނިސްޓަރ ފައްޔާޟް އިންތިޚާބު ކާމިޔާބުކޮށްފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެކަން ޔަޤީންވުމާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާ ފައްޔާޟް ކުރެއްވި ޓްވީޓްގައި ވަނީ އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ މެންބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލާ، އެމްޑީޕީއާއި ސަރުކާރާ އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިން ވޯޓެއްކަމަށެވެ. ފައްޔާޟް ވަނީ އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

ފައްޔާޒް ވަނީ މި އިންތިޚާބުގައި ވޯޓުލަން ނިކުމެ ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގައި ފައްޔާޟް ކުރިހޯއްދަވާފައިވަނީ ގާތްގަނޑަކަށް 7000އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

މުޅި ރާއްޖޭގެ ސަމާލުކަމަށް އައި މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށްޓަކައި މުހިންމު އިންތިޚާބެކެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ އިންތިޚާބުތައް ރާވާ އިންތިޒާމްކުރުމާއި، އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުތަކުގެ އިދާރީ ކަންކަން ހިންގެވުމާއި، އެޕާޓީގެ އުސޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކޮށް، ޑިމޮކްރަސީގެ މިންގަނޑުތަކާއި ހަމަހަމަކަންމަތީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތްކުރުންވެސް ޕާޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތުގައި ބަޔާންކޮށްފައިވެއެވެ.

ފައްޔާޟް މީގެ ކުރިންވެސް ވަނީ މި އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނީ ޕާޓީ ހަރުދަނާކޮށް ސަރުކާރާއެކު 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށް ވިދާޅުވެފައެވެ.