ޚަބަރު

އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި


ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ "އެކްސަސައިޒް ބްލެކް މަރލިން 22-2" ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މިއަދު ހެނދުނު ފެށި މި ތަމްރީނުތައް ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އެމްއެންޑީއެފްގެ މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ) ގެ މެރިންސް ބައިވެރިވާ މި ތަމްރީނުތަކުގައި، މެޑިކަލް، މާކްސްމަންޝިޕް، ކައުންޓަރ އައިއީޑީ އަދި ބްރީޗިންގ އާއި ކްލޯސް ކްއޯޓަރ ބެޓަލް ފަދަ އަސްކަރީ އުކުޅުތައް ފަރިތަކުރާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ބްލެކް މަރލިން އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.