ވިޔަފާރި

އިންޑިއާއިން ގޮދަންފުށް ބޭރުކުރުން މަނާކުރިއަސް ރާއްޖެއަށް އަސަރެއް ނުކުރާނެ


އިންޑިއާއިން ގޮދަންފުށް ބޭރުކުރުން އެއްކޮށް މަނާކުރިއަސް ރާއްޖެ ހިމެނޭގޮތަށް އިންޑިއާއިން ކާބޯތަކެތީގެ ޔަޤީންކަން ފޯރުކޮށްދޭ ޤައުމުތަކަށް މިކަމުގެ އަސަރުނުކުރާނެކަން ހާމަވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ގޮދަންފުށް އެކްސްޕޯޓް ކުރުން ހުއްޓާލުމާއި ގުޅޭގޮތުން ގެޒެޓް ކޮށްފައިވާ ލިއުމުގައި ބުނެފައިވަނީ، އިންޑިއާ އަދި އިންޑިއާއިން ކާނާގެ ޔަޤީންކަން ފޯރުކޮށްދޭ ފަޤީރު އަދި އަވަށްޓެރި ޤައުމުތަކަށް ބާޒާރުގައި ތަފާތު އެކި ސަބަބުތަކާއި ހުރެ ގޮދަން ފުށުގެ އަގު އުފުލުމާއެކު، އެކަށީގެންވާ ސަޕްލައި ނުލިބުމުގެ ހިރާސް އޮތް ކަމަށެވެ.

މިއާއެކު އިންޑިއާ ސަރުކާރުން ވަކިވަކި ޤައުމުތަކާއި އެކު އަންނަ އެއްބަސްވުންތަކުގެ ސަބަބުން ހުއްދަދޭ ޤައުމުތަކާއި، އިންޑިއާއިން ސަޕްލައި ފޯރުކޮށްދިނުމަށް އިއްޔެގެ ނިޔަލަށް 'އިރެވޮކަބަލް ލެޓަރ އޮފް ކްރެޑިޓް' ދީފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކަށް ގޮދަންފުށް ބޭރުކުރުން އެއްކޮށް މަނާކުރާ ކަމާށް މިލިއުމުގައިވެއެވެ.

އެ ޤައުމުން އާންމުކޮށްފައިވާ އިސްތިސްނާވާ ވަކި ޤައުމުތަކެއް ނެތް ކަމުގައި ވިޔަސް އަވަށްޓެރި ޤައުމުތަކަށް ސަޕްލައި ފޯރުކޮށްދޭނެކަން މި ލިއުމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެން ކަމުން ރާއްޖެއަށް ލިބިފައިވާ ކޯޓާއަށް މިކަމުން ބަދަލެއް އަންނާނެ ކަމަށް ނުބެލެއެވެ. މީގެ ކުރީންވެސް އިންޑިއާއިން އެކި ބާވަތްތަކުން އުފެއްދުންތެރިކަން ދައްވުމާއެކު އެކްސްޕޯޓު މަނާކޮށްފައިވެއެވެ. އޭރުވެސް ރާއްޖެއަށް އެ ޤައުމުން ދީފައިވާ ކޯޓާތަކަށް ބަދަލެއް ގެނެސްފައި ނުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ގޮދަންފުށުގެ އަގު އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައެވެ. އިންޑިއާ އަދި ޗައިނާއަށްފަހު ރަޝިޔާއަކީ ދުނިޔޭގައި ގޮދަންފުށް އެންމެ ގިނައިން އުފައްދާ ޤައުމެވެ. ނަމަވެސް މި ދެ ޤައުމުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައިގެ 1/4 އަށް އަސަރުކޮށްފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއާއެކު އިންޑިއާއިން ބޭރުކުރަމުން އައި ގޮދަންފުށަށް އޮތް ޑިމާންޑް އިތުރުވެގެން ދިޔައެވެ. އަދި ޤައުމުން ދިޔައީ އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ޤައުމުގެ އުފެއްދުންތެރިކަން ދަށްވެގެން ދިޔައީ މިދިޔަ މާރިޗް މަހުގެ ތެރޭގައި ހޫނުގަދަވެ ދަނޑުތަކަށް ގެއްލުންވުމާއެކުއެވެ. މިއާއެކު ގޮދަންފުށުގެ އުފެއްދުންތެރިކަން ބައެއް ސަރަހައްދުތަކުން 50 އިންސައްތައާއި ހަމައަށް ދަށްވެގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން މިހާރުވެސް ލެޓަރ ދީފައިވާ އެއްބަސްވުންތަކަށް އިޖާބަދޭނެއެވެ. އެގޮތުން އިންޑިއާއިން ގޮދަންފުށް ގަންނާނެ ކަމަށް މިސްރު އަދި ތުރުކީންވަނީ އިއުލާންކޮށްފައެވެ. އަދި އަންނައަހަރާއި ހަމައަށް މިހާތަނަށް 4 މިލިއަން ޓަނުގެ ގޮދަންފުށް އިންޑިއާއިން ބޭރުކުރުމަށް ކޮންޓްރެކްޓް ވެވިފައިވާ ކަމަށް އެ ޤައުމުން ހާމަކުރެއެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުމުން އިންޑިއާއިން މީގެ ކުރީން އެކްސްޕޯޓު ކުރުމަށް އަމާޒުކުރީ 10 މިލިއަން ޓަނެވެ.