ޚަބަރު

އިސްލާމިކް ލައިބްރަރީ މަރާމަތަށްފަހު ހުޅުވައިފި


އިސްލާމީ މަރުކަޒުގައި ހުންނަ އިސްލާމިކް ލައިބްރަރީ މަރާމާތުކުރެއްވުމަށްފަހު ޚިދުމަތަށް އަލުން ހުޅުއްވައިފި އެވެ.އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އިސްލާމިކް ލައިބްރަރީ ހުޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނެވެ. އިސްލާމީ މަރުކަޒުގައި ހުންނަ ލައިބްރަރީއަކީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނަގަހައްޓައި، ދިވެހިންގެ މެދުގައި އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ދިވެހި ސަރުކާރުން ހިންގަވަމުން އަންނަ ލައިބްރަރީއެކެވެ. މި ލައިބްރަރީއަކީ އިސްލާމީ މަރުކަޒު ފަރުމާކުރައްވައި ޢިމާރާތްކުރެއްވިއިރު އެ މަރުކަޒުގައި ހިމެނޭ މުހިންމު ބައެކެވެ. އިސްލާމީ މަރުކަޒު ހުޅުއްވުމާއެކު މި ލައިބްރަރީވެސް ވަނީ ހުޅުއްވާފައި، އޭރުން ފެށިގެން މި ލައިބްރަރީގެ ޚިދުމަތް ދެއްވަމުން ގެންދަވާފައިވެ އެވެ.މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވިދާޅުވި ގޮތުގައި، ލައިބްރަރީގައި މަރާމާތުކުރައްވައި ހުޅުއްވިއިރު، ކުރިން އެތަނުގައި ނެތް އާ ފޮތްތަކެއް މިހާރު ވަނީ ހިމަނުއްވާފައިވެ އެވެ. އިސްލާމީ ލައިބްރަރީ މަރާމާތަށްފަހު ހުޅުއްވިއިރު ލައިބްރަރީގައި އިސްލާމް ދީނާއި، ޤުރުއާނާއި، ފިޤުހު، އަދި އިސްލާމީ ޘަޤާފަތާއި ޢާންމު މަޢުލޫމާތު ހިމެނޭ ގޮތަށް ތަފާތު އެކި ދާއިރާގެ ފޮތްތަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައިވެއެވެ. އޭގެތެރޭގައި ޢަރަބި، އުރުދޫ، އަދި އިނގިރޭސި ބަހުން ޝާއިޢު ކުރައްވާފައިވާ ފޮތްތައް ހިމެނެއެވެ. އަދި އިތުރު ފޮތްތަކެއް ހޯއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވާފައިވެ އެވެ.ލައިބްރަރީ ފަރުމާކުރައްވާފައިވަނީ ދިރާސާކުރާ ފަރާތްތަކަށް ޚާއްޞަ ކޮޓަރިއެއްވެސް ހިމަނުއްވައިގެނެވެ. އިސްލާމިކް ލައިބްރަރީ މަރާމަތަށްފަހު ހުޅުއްވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި މި ލައިބްރަރީގެ މުހިންމުކަމުގެ މައްޗަށް ވަނީ ބައްލަވާލައްވާފަ އެވެ.  ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ލައިބްރަރީއެއް ޤާއިމްކުރެއްވުމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަދާކުރެއްވި މުހިންމު ދައުރު ޢަބްދުއްރަޝީދު ޙުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕޮލިސީ އެގްޒެގެޓިވް އައްޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ލައިބްރަރީއަށް އަޅާނުލެވުމުގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި އިސްލާމިކް ލައިބްރަރީ ހުޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންގެ މެދުގައި އިސްލާމް ދީނަށް އޮންނަ ލޯބި އިތުރުކުރައްވައި، އިސްލާމީ ޢިލްމަށް ލޯބިޖެއްސުމުގެ ރޫޙު އާލާކުރުންކަމަށެވެ. މިލައިބަރަރީ މަރަމާތުކުރެއްވުމުގެ މަސައްކަތް ކުރެއްވިއިރުވެސް ޚިދުމަތް މުޅިން މެދުކަނޑުއްވައެއް ނުލައެވެ. އިސްލާމި ލައިބްރަރީ މަރާމާތަށްފަހު ޚިދުމަތަށް ހުޅުއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީން އާ ދެ ފޮތެއް ނެރުއްވާފައިވާފައިވެއެވެ.  އޭގެ ތެރެއިން ރިޔާދުއް ސޯލިހީން ފޮތް ނެރެދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށްވާ ޙަމްދޫން ޙަމީދެވެ. އަދި ފިޤުޙު ސުންނަތުގެ އާ ބައެއް ނެރެދެއްވީ މަޢުރޫފް ޖަމީލެވެ.