ޚަބަރު

ޔޫއޭއީގެ ރައީސްގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި


ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫ.އޭ.އީ.ގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމާއި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫ.އޭ.އީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަވަހާރަވީ ހުކުރު ދުވަހުގައެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ މިއަދުން ފެށިގެން 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.