ޚަބަރު

ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ރަނިލްގެ ރަސްމީ ދަޢުވަތެއް ސަޖިތަށް


ސުރީ ލަންކާގެ އައު ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު އެ ޤައުމުގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފައްޓަވައިފިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޢައްޔަންކުރައްވާފައިވަނީ ރަނިލް ވިކްރަމަސިންހައެވެ. ނަމަވެސް އެ ޤައުމުގެ ޢާއްމުން ތިބީ އެ ނިންމެވުން ބަލައިގަންނަން ދެކޮޅުހަދައި މުޒާހަރާތައް ހުއްޓާލައި ގޮތަކަށް ނޫނެވެ. އެ މުޒާހަރާތަކުގައި ފާއިތުވި ހަފުތާގެ ތެރޭގައި ނުވަ މީހުން މަރުވެ 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ސިޔާސީގޮތުން ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުގެ މަޤާމަށް ރަނިލް ވަޑައިގެންފައިވަނީ މަހިންދައާއި ގޮތަބަޔާ ނިޞްބަތްވަޑައިގަންނަވާ ސުރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ، އެސްއެލްޕީޕީގެ ތާޢީދާއެކުއެވެ. އަމިއްލަ ގިނަ މެންބަރުންގެ ތާޢީދާއެކު މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތްކަން ފާއިތުވި ދުވަސްތަކުގައި އެ ޕާޓީންވަނީ ސާބިތުކޮށްދީފައެވެ. ޤާނޫނުހަދާ މަޖިލީހުގައި ރަނިލްގެ ޔުނައިޓަޑު ނޭޝަނަލް ޕާޓީ، ޔޫއެންޕީއަށް ނިޞްބަތްވަޑައިގަންނަވާ ހަމައެކަނި މެންބަރަކީ އޭނާއެވެ. މަޖިލީހުގެ 225 މެންބަރުންގެ ތެރެއިން އިދިކޮޅު ޕާޓީތަކަށް ޔަޤީންވަނީ 58 ގޮނޑިއެވެ.

ސުރީ ލަންކާގައި އައު ސަރުކާރެއް އެކުލަވާލައްވައި ސިޔާސީ ހަމެޖެހުން ޤާއިމުކުރައްވައި އިޤްތިޞާދީ ބޮޑު ކާރިޘާއަކުން އެ ޤައުމު ސަލާމަތްކުރެއްވުމަކީ ރަނިލްގެ އެންމެ ބޮޑެތި ޒިންމާތަކެވެ. އޭނާވަނީ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވައި އިދިކޮޅު އެންމެ އިސްވެރިޔާ ސަޖިތު ޕުރެމަދާސައަށް ރަސްމީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ރަނިލް ވިދާޅުވެފައިވަނީ ޒަމަންވީ ސިޔާސީ ވާދަވެރިކަން ދޫކޮށްލައްވައި ޤައުމީ މަސްލަޙަތު އިސްކުރައްވަންވީ ވަޤުތުޖެހިއްޖެކަމަށެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިޘާއިން ސަލާމަތްވުމަށް ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވާކަމަށް އެ ސިޓީގައި ރަނިލް ވިދާޅުވެފައިވެއެވެ. ރަނިލްގެ ސަރުކާރުގައި ސަޖިތު ބައިވެރިވެވަޑައިގަންނަވާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެ ޤައުމުގެ ބައެއް ކުދި ޕާޓީތަކުންވަނީ ޤައުމީ ވިސްނުމުގައި ރަނިލްގެ ދަޢުވަތު ޤަބޫލުކޮށްފާނެކަމުގެ އިޝާރާތެއް ދީފައެވެ.