ދުނިޔެ

ޕާކިސްތާނުގެ ޔުނިވަރސިޓީއަކަށް ދިން ހަމަލާގެ ތަހްޤީޤު


އިއްޔެ ޕާކިސްތާނުގެ ޔުނިވަރސިޓީއަކަށް ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ބެލެވޭ ހަނގުރާމަވެރިން  ހޯދުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނެފިއެވެ.ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ހުންނަ ބަޗާ ޚާން ޔުނިވަރސިޓީއަށް ހަނގުރާމަވެރިންގެ ބަޔަކު ދިން ޙަމަލާއެއްގައި 20 ށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. މިޙަމަލާތައް ދިންތާ އިރުކޮޅެއްގެ ތެރޭގައި މިކަންކުރިކަމުގެ ޒިންމާ ޠާލިބާނުގެ އިސް އޮފިޝަލަކު ނެގިކަމުގައި ވިޔަސް ފަހުން އެޖަމާޢަތުގެ ތަރުޖަމާނަކު ވަނީ މިއީ ޠާލިބާނުން ދިން ޙަމަލާއެއް ނޫންކަމަށާއި، މިއީ އިސްލާމީ އުސޫލުތަކާއި ޙިލާފު އަމަލެއްކަމަށް ބުނެފައިވެއެވެ.ޕާކިސްޠާނުގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ދިންކަމަށް ބެލެވޭ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ޔުނިވަރސިޓީއަށް ދިން ހަމަލާ ހުއްޓުވުމަށް ހަރަކާތްތެރިވި އަސްކަރިއްޔާގެ ފައުޖުތަކުން ދިން ރައްދު ހަމަލާގައި، ޙަމަލާ ދިނުމުގައި ބައިވެރިވި ހަނގުރާމަވެރިންގެ ތެރެއިން 4 މީހުން މަރާލާފައިވާ ކަން ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ. ޕާކިސްތާނުގެ ފުލުހުން ބުނީ ޔުނިވަރސިޓީގައި ތިބި ދަރިވަރުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންގޮސް ހަނގުރާމަވެރިން ހުއްޓުވުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވެއެވެ. ޕާކިސްތާނުގައި ދޭ މިފަދަ ޙަމަލާތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. އިއްޔެ ހަމަލާ ދިން ޔުނިވަރސިޓީއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޠާލިބާނުން ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށްފައިވާ ސްކޫލަކާއި މާދުރުނޫން ހިސާބެއްގައި ހުންނަ ޔުނިވަރސިޓީއެކެވެ.