ރަޝިޔާގެ އެއްވެސް ޙަމަލާއަކުން ފިންލޭންޑާއި ސުވިޑަން ދިފާޢުކޮށްދޭން އިނގިރޭސިވިލާތުން ވަޢުދުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވާ ގޮތުގައި ވިލާތުގެ ސަލާމަތަށްޓަކައި ފިންލޭންޑާއި ސުވިޑަންނާއެކު ދިފާޢީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާކަމަށާއި އެ ދެ ޤައުމަށް އެހެން ޤައުމަކުން ޙަމަލާއެއް ދީފި ޙާލަތެއްގައި އިނގިރޭސިވިލާތުގެ އަސްކަރީ އެހީތެރިކަން ލިބޭނެކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް ޙަމަލާއެއް ދީފި ޙާލަތެއްގައި އެ ދެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ޖާސީސީ މަޢުލޫމާތު ޙިއްޞާކުރުމާއި ފިންލޭންޑާއި ސުވިޑަންނާ ގުޅިގެން އަސްކަރީ ތަމުރީންތައް ބޭއްވުމަށްވެސް އިނގިރޭސިވިލާތުންވަނީ އެއްބަސްވެފައެވެ.
އަވަށްޓެރި ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ފިންލޭންޑާއި ސުވިޑަންގެ ވިސްނުމަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން އެ ދެ ޤައުމުންވެސްވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާ ގުޅުމަށް ނިންމައި އެ ކަމުގެ މަސައްކަތްތައް ފަށައިފައެވެ. އެއާއެކު ރަޝިޔާއިންވަނީ ފިންލޭންޑާއި ސުވިޑަނުން ނޭޓޯއާ ގުޅިއްޖެނަމަ އެ ދެ ޤައުމަށްވެސް ޙަމަލާދޭނެކަމުގެ އިންޒާރުދީފައެވެ. ފިންލޭންޑުގެ އިރުމަތީގެ ސަރަޙައްދުތައް ގުޅިފައިވަނީ ރަޝިޔާއަށެވެ. އަދި އެ ޤައުމަށް ބޭނުންވާ ކަރަންޓާއި އެ ނޫންވެސް ގިނަ ޒަރޫރީ ސާމާނު ފޯރުކޮށްދެނީވެސް ރަޝިޔާއިންނެވެ.