ޚަބަރު

ނިޔު ޒީލޭންޑުގެ ބޮޑުވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ނިޔު ޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އަރޑާންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ނިޔު ޒީލޭންޑުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ އަލާމާތްތަކުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަރޑާން ހުންނެވީ އެކަހެރިވެވަޑައިގެންކަމަށެވެ. އަދި ބަލިޖެހިފައިވާކަން ޔަޤީންވުމުން މެއި މަހުގެ 21ވަނަ ދުވަހާ ހަމައަށް އޭނާ ހުންނަވާނީ އެކަހެރިވެވަޑައިގެންކަމަށާއި އޭނާގެ ބަދަލުގައި ޢާއްމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނައިބު ގުރާންޓު ރޮބަޓުސަންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ގޭގައި ހުންނަވައިގެން ކުރެވޭ ރަސްމީ މަސައްކަތްތައް އަރޑާން ކުރައްވާނެކަމަށް އެ ކަމަނާގެ ރަސްމީ އިދާރާއިން ބުނެފައިވެއެވެ.

ނިޔު ޒީލޭންޑުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވާ ގޮތުގައި ޤާނޫނުހަދާ މަޖިލީހުގައި ކުރުމަށް ހަމަޖެހިފައިވާ މުޙިއްމު މަސައްކަތްތަކުގައި އަރޑާންނަށް ބައިވެރިވެވަޑައިނުގެންނެވޭނެކަމަށާއި އޭގެ ތެރޭގައި ބަޖެޓާ ގުޅުންހުރި މަސައްކަތްތައް ހިމެނޭކަމަށެވެ. ނަމަވެސް އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އެއްވެސް ބުރުލެއްނާރާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިޔު ޒީލޭންޑުގައި 1.04 މިލިޔަން މީހުންވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 909 މީހުންވަނީ މަރުވެފައެވެ.