ވިޔަފާރި

ފިތޫރު ފެއާގައި އެމް.އެމް.ޕީ.އާރު.ސީން ބައިވެރިވެއްޖެ


ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި
އެންމެ ފާހަގަކޮށްލެވޭ ފެއާތަކުގެ ތެރޭގައި ހިމެނޭ ފިތޫރު ފެއާގައި މޯލްޑިވްސް
މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް  ކޯރޕަރޭޝަން،އެމް.އެމް.ޕީ.އާރު.ސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ފަރާތަކުން
ބައިވެރިވެއްޖެއެވެ.



ސްޕެއިންގެ މެޑްރިޑްގައި އަންނަ އާދިއްތަ
ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެއިން ބައިވެރިވެފައިވާ ވަފްދުގެ އިސް
ބޭފުޅަކަށް ހުންނެވީ އެމް.އެމް.ޕީ.އާރު.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް
މުޙައްމަދެވެ.



އެމް.އެމް.ޕީ.އާރު.ސީން
މައުލޫމާތު ދެއްވާގޮތުގައި މި އަހަރުގެ ފިތޫރު ފެއާގައި ބައިވެރިވެފައިވާ
ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށާއި ރާއްޖޭގެ ސްޓޭންޑަށް
65 އަކަ މީޓަރުގެ ޖާގައެއް ލިބިފައިވާ އިރު، ރާއްޖޭގެ ސްޓޭންޑް ފަރުމާ
ކުރެވިފައިވަނީ ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތަކާއި ގުޅޭގޮތަށް
ކަމަށެވެ.



އަދި ރާއްޖޭގެ އިޝްތިހާރުތައް ފެއާގެ އެކި
ހިސާބުތަކުގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި މި ފެއާގެ ތެރެއިން ރާއްޖޭގެ
ފަތުރުވެރިކަމާއި ގުޅޭގޮތުން ޓްރެވަލް ވީކްލީއަށް ހާރިސް އިންޓަރވިއުއެއް
ދެއްވާފައިވާ ކަމަށްވެސް އެމް.އެމް.ޕީ.އާރު.ސީން މައުލޫމާތުދެއްވައެވެ.



ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް
ދައްކާގޮތުން ސްޕެއިން އިން ރާއްޖެއަށް އަންނަ ފަތުރުވެރިން ދަނީ އަހަރަކަށް
ވުރެއް އަހަރެއް އިތުރުވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރާއި އަޅާ ބަލާއިރު 2015 ވަނަ އަހަރު ސްޕެއިނުން ރާއްޖެއަށް
ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 15.6 އިންސައްތަ އިތުރުވެފައެވެ.