ސިޔާސީ

ވާދަވެރި ފޯރިގަދަ ކެމްޕޭނަށްފަހު އެމްޑީޕީގެ އިންތިޙާބުގެ ވޯޓްލުން ކުރިޔަށް


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ ވާދަވެރި އިންތިޚާބުގެ ވޯޓްލުން ފަށައިފިއެވެ. މީއެތެރޭގެ އިންތިޚާބެއްގައި އެންމެ ފޯރި ގަދަ ވާދަވެރި ކެމްޕެެއިންތަކެއް ކުރި ފަހަރެވެ.

މި އިންތިޚާބުގެ ވޯޓްލުން ފެށުނީ މިއަދު ހެނދުނު ނުވެއެއް ޖެހިއިރުއެވެ. މުޅި ރާއްޖޭގައި ކުރިޔަށްދާ މި އިންތިޚާބުގެ ވޯޓްލުން މިއަދު ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ކުރިޔަށް ދާނެއެވެ.

އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި ފޯރި އެންމެ ގަދަވެފައިވަނީ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންމެ މެދުގައެވެ. މިއާއެކު މި އިންތިޚާބު ވެފައިވަނީ އެމް.ޑީ.ޕީ އުފެދުނު ފަހުން މިވީ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިޚާބަށެވެ. ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުގެ އިކޮނިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ

މިއަދު ކުރިޔަށްދާ އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުން ހިތްވަރުގެ ރައީސަކުވެސް ހޮވާނެއެވެ. އަންހެނުންގެ ރޫގުގެ ރައީސްކަމަށް ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު ވަހީދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސާރާއި ރިފްގާ ޝިހާމްއެވެ.

ވޯޓް ފޮއްޓާއި އަދަދުތައް

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި އެމް.ޑީ.ޕީން ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓިފޮށި ބަހައްޓާފައިވެއެވެ. ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41027 މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32057 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.

މި އިންތިޚާބުގެ ކަންކަން ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން އެ ޕާޓިން ވަނީ އެދިފައެވެ.