ޚަބަރު

ކޯވިޑް ވެކްސިން ޖަހާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަށަށް


ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވެފައިވީ ނަމަވެސް އެޗްޕީއޭއިން ދަނީ ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަމުންނެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހަން ފެށި ފަހުންވެސް އާއްމުކޮށް ދުވާލަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ މީހުންގެ އަދަދު ހުރީ 2000އިން މަތީގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހަފްތާގައި ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހީ 442 މީހުންނެވެ. މިގޮތުން މިހާރު ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ބޫސްޓަރ ޑޯޒް މިހާތަނަށް ފުރިހަމަކުރީ އާބާދީގެ 35.12 އިންސައްތަ މީހުންނެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 159،008އެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ 2 ޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރީ 55 މީހުންނެވެ. ޖުމްލަ 383،980 މީހުން ދެ ޑޯޒް ޖަހާފައިވާއިރު އެއީ ވެކްސިން ޖެހޭ އާބާދީގެ 84.80 އިންސައްތަ މީހުންނެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަ ޑޯޒް މުޅިން އަލަށް ޖެހީ 18 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް 398،597 މީހުން ވަނީ ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.03 އިންސައްތަ މީހުންނެވެ.
އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ، އާއްމު ޙާލަތަށް ގިނަ ކަންތައްތަކެއް ގެނައި ނަމަވެސް، ޑޮކްޓަރުން އަދިވެސް ދަނީ ކޯވިޑުން ދިފާޢުވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. މިއީ ބަލިމަޑުކަމުގައި މީހާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޖަހާ ވެކްސިނެކެވެ. ނަމަވެސް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ.

މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ދަމަނަވެށީގައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ވެކްސިންޖެހުން ކުރިއަށްދާނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 10:00އިން ފެށިގެން މެންދުރު 14:00އާ ހަމައަށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ޖަހައިދިނުން ކުރިއަށްދާނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރު 13:00އިން ފެށިގެން 15:00އާ ހަމައަށެވެ. އަދި ދަމަނަވެށީގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 13:00އިން ފެށިގެން 15:00އާ ހަމައަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެކްސިންގެ ތަފާސްހިސާބުތައް އާއްމުކުރަމުންދަނީ ހަފްތާއަކު އެއް ފަހަރެވެ.