މުނިފޫހިފިލުވުން

ހިޔަރިން އެއިޑް އެޅި ބާބީއެއް ފުރަތަމަ ފަހަރަށް ނެރެނީ


ކުޑަކުދިން ކުޅޭ ބުދު ހެދުމުގައި 63 އަހަރު ވެފައިވާ އެމެރިކާގެ ކުންފުނިން މެޓެލް އިން އަނެއްކާވެސް އައު ބާބީ ޑޯލެއް ނެރެން ތައްޔާރުވެޖެއެވެ.

އަންނަ މަހު ދައްކާލަން ހަމަޖެހިފައިވާ މި ފަހަރުގެ ބާބީ އަކީ ހިޔަރިން އެއިޑެއް އަޅާފައި އިންނަ ބާބީއެކެވެ. ހުރިހާ ކުދިން ބައިވެރިކޮށްގެން ކަންކަން ކުރުމުގެ މޮޓޯއެއްގައި ހިޔަރިން އެއިޑް އެޅި ބާބީގެ އިތުރުން ހަމުގެ ބައްޔެއް ކަމަށްވާ ވިޓީލިގޯ ނުވަތަ ހުދުބަލި ރަމްޒުކޮށްދޭ ބާބީ އެއްވެސް ނެރޭނެއެވެ. މި ބާބީ ޑޯލްތައް ލޯންޗު ކުރާނީ ވޯލްމާޓާ، އެމެޒޯން އަދި ޓާގެޓްގައެވެ.

ބާބީ އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އިން ފަސް އަހަރު ކުރިން ފެށިގެން އަންނަނީ ކުލަ އާއި ނަސްލާއި ތަފާތު ކުރުންތަކާއި ނުކުޅެދުންތެރިކަމާއި އެ ނޫން ވެސް އެކި ކަހަލަ ކަންކަން ތަޖުރިބާކުރާ މީހުން ރަމްޒުކޮށްދޭ ބުދުތައް ނެރެމުންނެވެ.

އަންނަ މަހު ނެރެން ނިންމާފައިވާ ކަލެކްޝަނުގެ ތެރޭގައި ބޯ ތަލަ ބާބީ ވެސް ހިމެނެ އެވެ. މެޓެލް އިން ބުނިގޮތުގައި މި އަހަރުގެ އެކި ހިސާބު އެކި ކަންކަން ރަމްޒުކޮށްދޭ ބާބީތައް ނެރޭނެއެވެ.

ބާބީގެ ކަލެކްޝަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީއާ އެކު ފަސް ވައްތަރެއްގެ ހަށިގަނޑާއި 22 ވައްތަރެއްގެ ހަމާއި 76 ސްޓައިލްގެ އިސްތަށިގަނޑާއި ލޮލުގެ ކުލަ ތަފާތު 13 ވައްތަރެއްގެ ބާބީ ނެރެފައިވެ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ރަމްޒުކޮށްދޭ ބާބީ ވެސް ހިމެނެ އެވެ.