ޚަބަރު

ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ އަވަހާރަވެއްޖެ


ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުން 73 އަހަރުގެ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވިކަން ޔޫއޭއީގެ ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ. ޔޫއޭއީގެ ވެރިކަމާ ވަޤުތީގޮތުން ޙަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ އިސްވެރިޔާ ޢުމުރުފުޅުން 72 އަހަރުގެ ޝޭޚު މުޙައްމަދު ބިން ރާޝިދު އާލް މަކްތޫމެވެ. ޔޫއޭއީގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ޤައުމުގެ ހަތް ރަށުގެ އިސްވެރިންގެ ބައްދަލުވުމެއް އެ ޤައުމުގެ ޤާނޫނުއަސާސީ ބުނާގޮތުން ބާއްވަން ޖެހޭނެއެވެ.

2004ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނަށް 2014ވަނަ އަހަރުގެ ތެރޭގައި ސުޓްރޯކެއް ޖެހިވަޑައިގަތުމުން ވެރިކަމުގެ މުޙިއްމު މަސްޢޫލިއްޔަތުތައް ޢަދާކުރެއްވީ އޭނާގެ ވަލީޢަހުދު އަދި އެއްބަފާ ކޮއްކޯފުޅު ޢުމުރުފުޅުން 61 އަހަރުގެ މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނެވެ. އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމާވެސް ދެން ޙަވާލުވެވަޑައިގަންނަވާނީ އޭނާއެވެ.