ޚަބަރު

މަންމައިންގެ ޖަމްޢިއްޔާގެ ހިޔާވަހިކަން އެތައްބަޔަކަށް


ތުއްތު ކުއްޖެއް އުފަންވުމަކީ ދެމަފިރިއެއްގެ ޙަޔާތަށް ބޮޑު ބަދަލެއް އަންނަކަމެކެވެ. ޚާއްސަކޮށް އަންހެން މީހާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންވެސް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. މިބަދަލުތަކާ ކުރިމަތިވާ އުދަނގޫކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ނޫނެވެ.

އެހެންނަމަވެސް މީހަކާ ހިއްސާކޮށް އެމީހެއްގެ ތަޖުރިބާ ހޯދުމަކީ އަލަށް މަންމައިންނަށްވާ ހަމަ ކޮންމެ އަންހެނަކުވެސް ބޭނުންވާކަމެކެވެ. ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި، އަލަށް މަންމައިންނަށްވާ ފަރާތްތަކުން ދުޅަހެޔޮކަންމަތީ އަދި ހިތްހަމަޖައްސާލާ ތުއްތު ދަރިފުޅާއި މައިމީހާގެ ސިއްޙަތާގުޅޭ މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހިވާނެ ވަގުތުތަކެއް ހޭދަކޮށްލުމަށް މަންމައިންގެ ކްލަބްތައް ޤާއިމުކޮށްފައި ހުރެއެވެ. ރާއްޖޭގައި މިފަދަ ކްލަބެއް ނެތްނަމަވެސް މަންމައިންނަށް ދިމާވާ އެކި ޙާލަތްތަކާއި ކަންކަމުގެ މަޢުލޫމާތު ބަދަލުކޮށް އެހީތެރިވެދެވޭނެ ފަދަ ޕްލެޓްފޯމެއް ރާއްޖޭގައިވެސްވަނީ ޤާއިމުކޮށްފައެވެ.

އަމިއްލައަށް ކުރެވުނު ތަޖުރިބާގެ އަލީގައި ޚަދީޖާ ސިތުރާއާއި ޒީޝާން އައްބާސް ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ހިންގަމުން އަންނަ އެންމެ ވަރުގަދަ އެއް ޕްރައިވެޓް ކޮމިއުނިޓީ ގްރޫޕް ފެށީ މިގްރޫޕަށް މިހާބޮޑުތަރުހީބެއް ލިބިދާނެކަމުގެ މާބޮޑު ފިކުރެއް ނެތިއެވެ. އެހެންނަމަވެސް ކޮމިއުނިޓީ ގްރޫޕެއްގެ ގޮތުގައި އުފެއްދި "މޯމްސް ގްރޫޕް"ގައި މިހާރު 39000އަށްވުރެ ގިނަ އަންހެނުން، މެމްބަރުންގެ ގޮތުގައި އެބަތިއްބެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯމްސް ޖަމިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން ޖަމިއްޔާގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ ފާޠިމަތު ފިއުރީން ބުނީ މިއީ ދެމީހަކުވެގެން ފެށިކަމެއް ނަމަވެސް މިހާރު މިއީ 12 އެޑްމިން މެމްބަރުން ބަލަހައްޓަމުން އަންނަ ވަރަށް ޒިންމާދާރު މަސައްކަތެއްކަމަށެވެ.

އެގޮތުން މެމްބަރުންގެ ގޮތުގައި މިގްރޫޕަށް ވަދެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެއީ އަލަށް މަންމައިންނަށްވެފައިވާ މީހުންނާއި މަންމައިންނަށްވުމަށް ވިސްނަމުންދާ އަންހެނުންކަމަށް މޯމްސްއިން ބުނެއެވެ. ވަރަށްބޮޑަށް ބެލިގެން ވަރަށް ރައްކާތެރިކަމާއެކު ގްރޫޕް ހިންގަންޖެހެނީ، މިގްރޫޕަކީ އަންހެނުންނަށް ދިމާވާ އެކިއެކި ޙާލަތްތަކުގެ ވާހަކަތައް ދައްކާ އެކަމުގައި އެކަކު އަނެކެއްގެ ޚިޔާލު ބަދަލުކުރާ ފަދަ ޕްލެޓްފޯމަކަށްވުމުން މީހުންގެ ކަރާމާތާއި އަބުރު ޙިމާޔަތްކުރުމަށްކަމަށް މޯމްސް ޖަމިއްޔާއިން ބުނެއެވެ.

ވަރަށް އާދައިގެ ގޮތަކަށް ފެށިނަމަވެސް މިހާރު މޯމްސް ގްރޫޕްއިންވަނީ މޯމްސް ޖަމްޢިއްޔާއެއްގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓަރކޮށް އަންނަނީ އެހީބޭނުންވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޢާއިލާތަކަށް ބޭނުންވާ ކެއަރޕެކޭޖުތައް ޢާއްމުގޮތެއްގައި ފޯރުކޮށް ދެމުންދާއިރު މޯމްސް ޖަމިއްޔާއިންވަނީ މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ޙާލުގައި ދިރިއުޅެމުންދާ 5 ޢާއިލާއެއްގެ ގެދޮރު ރިނޮވޭޓްކޮށްދީ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފައެވެ. މޯމްސް ޖަމްޢިއްޔާއިން ބުނީ ރާއްޖޭގެ އެކި ރަށްރަށުން ލިބޭ މަޢުލޫމާތުތައް އިތުރަށް ވެރިފައިކުރާކަމަށާއި އެގޮތަށް އިތުރަށް ބަލާއިރު ޢާއްމު މީހެއްގެ ވިސްނުމަށްވެސް ނާންނަހާ ދަތި ޙާލުގައި އަދި ކުޑަކުދިން އުޅެން ހެޔޮނުވާ ޙާލަތުގައި ދިރިއުޅޭ ކުޑަކުދިން ރާއްޖޭގައި އެބަތިބިކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ. މިހާރުވެސް މޯމްސް ޖަމިއްޔާއިން އަންނަނީ "ހެލްޕް ސާރާ"ގެ ނަމުގައި ތިން ކުދިންނާއެކު އުޅެމުން އަންނަ އެކަނިވެރިމައެއްގެ ގެދޮރު ބިނާކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

މީހުންނަށް އެހީތެރިވުމުގެ ނަމޫނާއެއްގެގޮތުގައި މޯމްސް ޖަމިއްޔާވެފައިވާއިރު ޖަމިއްޔާގެ ހިންގާ މެމްބަރުގެ ހަނދާނުން ފިލުވާލަން އެންމެ އުނދަގޫ އެއް ޙާދިސާއަކީ އަލިފަނުގެ ޙާދިސާއެއްގައި ފިހުނު ތުއްތު ކުއްޖެއްގެ ބޭސްފަރުވާގެ ހުރިހާކަމެއް ޕްރައިވެޓް ހޮސްޕިޓަލެއްގައި ކުރުމަށް 2 ގަޑިއިރުތެރޭ މޯމްސް ގްރޫޕުން ފަންޑު ހަމަޖެއްސުމެވެ. އެހެންނަމަވެސް ދަތި ޙާލުގައި ތިބޭ ކޮންމެ މީހެއްގެވެސް ވާހަކަ މިޖަމިއްޔާއިން އަޑުއަހާ ބަލައިގަންނަނީ ހިތްދަތި ހިތަކާއެކުގައެވެ.

ޖަމިއްޔާހިންގަމުން އަންނައިރު ހިންގާ މެމްބަރުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މޯމްސް ޖަމިއްޔާގެ ނަމުގައި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ކަންބޮޑުވުމެވެ. އެޖަމިއްޔާއިން ބުނީ މޯމްސްގެ އެއްވެސް ފަންޑް ހޯދުމުގެ މަސައްކަތަކަށް ފަންޑު ފޮށި ބަހައްޓައިގެން މަސައްކަތް ނުކުރާނެކަމަށެވެ. އަދި އަބަދުވެސް ޕޯސްޓްތައް ހުންނާނީ މޯމްސް ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައިކަމަށާއި ޢާއްމުން އެކަމަށް ސަމާލުވުމަށް އެފަރާތުން އެދެއެވެ. އަދި އެޖަމިއްޔާއިން އަންނަނީ ޙާލުގައި ދިރިއުޅޭ ޢާއިލާތަކަށް ދާއިމީ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޮޑު ޕްރޮޖެކްޓެއްވެސް ހިންގަމުންނެވެ. މިވަގުތުވެސް 300 އެއްހައި ޢާއިލާ މޯމްސް ޖަމިއްޔާގައި ރަޖިސްޓަރވެފައިވާއިރު މިފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލާފައެވެ.