ޚަބަރު

1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކުރެވޭނެ: މިނިސްޓަރ މައުސޫމް


މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ މިއަހަރަށް އެންމެ ފުރަތަމަ ލަފާ ކުރީ 2 މިލިއަން ފަތުުރުވެރިންނެވެ. އެހެން ނަމަވެސް ކޯވިޑުގެ ހާލަތަށް އައި ބަދަލުތަކާއި އެކު އެ އަދަދަށް ބަދަލުތައް ގެނެވުނެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ ސަރުކާރުން މިއަހަރު ކަނޑައެޅީ 3 ޓާގެޓެއް ކަމަށެވެ. އެއީ 1.6 މިލިއަން ފަތުރުވެރިންނާއި، 1.7 މިލިއަން ފަތުރުވެރިންގެ ޓާގެޓެއްގެ އިތުރުން 1.8 މިލިއަން ފަތުރުވެރިންގެ ޓާގެޓެކެެވެ.

މިނިސްޓަރ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރިން ލަފާކުރި އަދަދަށްވުރެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ. އެގޮތުން އޭރު ލަފާކުރީ 2019ގެ އަދަދުތަކަށްވުރެ މިއަހަރު ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

" މިހާރު %11 ދަށްކޮށް މިދަނީ، އެ %11 އަކީ ރަޝިއާ ޔޫކްރެއިން މާކެޓުން ދަށްވި %11 އޭވެސް ބުނެވިދާނެ، ރަޝިއާ ޔޫކްރޭން އަކީ ކުރިން %20 ހިއްސާކުރާ މާރކެޓެއް، އެހެން ނަމަވެސް މިހާރު އެ ދެ މާރކެޓުގެ ހިއްސާއަކީ %10" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަނގުރާމަ ހުއްޓި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ފަތުރުވެރިން އަންނާނެ އަދަދުތައް އަންދާޒާ ކުރިއިރު ޗައިނާއިން ރާއްޖެއަށް މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުންވެސް ވެގެންދާނީ ބޮޑު ކާމިޔާބީއަކަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 621633 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށްވާއިރު، މިއީވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ.

" އެންމެ ބޮޑަށް ފާހަގަކުރެވެނީ އިނގިރޭސިވިލާތް ނަމްބަރ 1 އަކަށް އެރިކަން، 50 އަހަރު ޓޫރިޒަމްގައި ހޭދަކޮށްލިފަހުން ނަމްބަރ 1 އަށް އެރީ، މިހާރު ގަދަ 10އެއްގައި ހުރި ހުރިހާ މަރކެޓުތަކަކީވެސް މުޙިއްމު މާރކެޓުތައް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތު އިތުރުވެފައިވުން ކަމަށެވެ. އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ އިތުރުވުމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހިވާ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.