ކުޅިވަރު

ނަސްރުގެ 80 ވަނަ މެރަތަން މެޑެލް މިނިސްޓަރަށް


ނަސްރުﷲ އަޙްމަދު (ނަސްރު)، އޭނާގެ 80 ވަނަ މެރަތަންގެ މެޑެއްޔާއި ޓީޝާޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހަދިޔާކޮށްފި އެވެ.

ނަސްރުގެ 80 ވަނަ މެރަތަން އަކީ މިދިޔަ މަހު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ދުވުމެވެ. ނަސްރު ފުލް މެރަތަން ފުރިހަމަ ކުރީ ތިން ގަޑިއިރާއި 48 މިނިޓް 53 ސިކުންތުންނެވެ. ރޭހުގެ ބޮޑު އިންސައްތަ އެއް ދުވީ ރޯދަ އަށް ހުރެ ކަމަށްވާތީ، މިއީ ރޯދަ އަށް ހުރެ ދުވެގެން އަނެއްކާ ވެސް ނަސްރު ކުރި ތަފާތު ތަޖުރިބާ އެކެވެ. ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން، އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮންނަ ދުވުންތެރިޔާ، ނަސްރު ވަނީ މިނިސްޓަރު، މާރިޔާ އަށް މެޑަލް ހަދިޔާ ކުރާނެ ކަމަށް މެރަތަން އަށް ދިއުމުގެ ކުރިން ވެސް ވަނީ ބުނެފައެވެ.

މެރަތަން ފުރިހަމަ ކުރުމުން ލިބުނު މެޑަލަކީ ވެސް ހާއްސަ ރަމްޒެއް ކަމަށްވާތީ، ނަސްރު ނިންމީ އޭނާ ވަޒީފާ އަދާކުރާ މުއައްސަސާ އިން ދޭ ސަޕޯޓް ފާހަގަކޮށް އެ މެޑަލް ހަދިޔާ ކުރުމަށެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި، ނަސްރު ވަނީ މީގެ ކުރިން، އޭނާގެ 60 ވަނަ މެރަތަންގެ މެޑެއްޔާއި ޓީޝާޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފަ އެވެ.