ކުޅިވަރު

އީގަލްސް، ޓީނޭޖް، ޓީސީ އަދި 010 ސެމީއަށް


މިހާރު ކުރިއަށްދާ އެމްޓީސީސީ ބައިބަލާ ޗެލެންޖުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު ޓީނޭޖް، އަދި 010 ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އެލްޓީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކްލަބް އީގަލްސްއިން ކުރިހޯދީ ސީދާ ދެ ގޭމުންނެވެ.

ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ބީޖީ ޖޫނިއާސްގެ މައްޗަށް ކުރިހޯދީ ދެ ގޭމުންނެވެ. އަދި ކްލަބް ޓީނޭޖާއި ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރި މެޗު ޓީނޭޖުން ވަނީ ދެ ގޭމުން ކުރިހޯދާ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ކުއާޓާގެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކަށް ވެގެންދިޔައީ، ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބާއި ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތައް ނުކުތް 010 ގެ މެޗެވެ.

10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ބީޖީ ސްޕޯޓްސްގެ މައްޗަށް ކްލަބް 010 އިން ކުރިހޯދީ ގަދަ ހިފުމަށްގޮސް ތިންވަނަ ގަދަ ހިފުން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތަކާއި ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެޔެވެ.

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެވިގެންދަނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.