ކުޅިވަރު

އައިސީސީގެ މުހިންމު މަގާމަކަށް ފައިސަލް އިންތިޚާބުވެއްޖެ


އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް ގައުމުތައް ތަމްސީލުކުރާނެ ބޭފުޅަކަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް އިންތިޚާބުވެއްޖެއެވެ.

އައިސީސީން މިގޮތަށް ނިންމީ އޭޝިއާގެ ނޮން-އެލިޖިބަލް ގައުމުތައް ތަމްސީލުކުރާނެ ފަރާތެއް ނޮމިނޭޓުކުރަން ދިން މުއްދަތުގައި ލިބުނީ ހަމައެކަނި ފައިސަލްގެ ނަން ކަމަށްވާއިރު އޭނާއަށް ހުރިހާ ގައުމެއްގެ ތާއިދު ލިބިފައިވުމުންނެވެ.

އައިސީސީގައި އޭޝިއާ ސަރަހައްދުގެ ނޮން އެލިޖިބަލް ގައުމުތައް 2024 ވަނަ އަހަރުގެ ނިޔަލަށް ފައިސަލް ތަމްސީލުކުރާނެއެވެ.

މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވައި، ފައިސަލް ކުރައްވަން ޖެހޭނެ މަސައްކަތްތަކަކީ ވޯޓު ނުލެވޭ ގައުމުތަކުގެ ފަރާތުން އައިސީސީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވުމާއި އައިސީސީގެ އެކި މަސައްކަތްތަކާ ބެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން މިދިޔަ މާޗް މަހު ބޭއްވި އަހަރީ އާންމު ބައްދަލުވުމުގައި ވަނީ މިހާރުގެ ލީޑަޝިޕާއި ކޮމިޓީތަކުގެ ދައުރު ދައްމާލަން ނިންމާލައިފަ އެވެ. އޭސީސީން ނިންމީ މިހާރު ލީޑަޝިޕްގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި ކޮމިޓީތަކުގައި ތިބި އެންމެންގެ މަގާމުތަކުގެ ދައުރު 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމައަށް ކުރިއަށް ގެންދިއުމަށެެވެ. އެ ނިންމުމާ އެކު އޭސީސީ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފައިސަލްގެ ދައުރު ވެސް ވަނީ އިތުރުުވެފަ އެވެ.