ދުނިޔެ

އައި.އެސްއާއި ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް ނިންމައިފި


ސޫރިޔާއާ އިރާޤުގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގުޅިފައިވާ އިއްތިހާދުން ދެމުންދާ ޙަމަލާތައް މިހާރަށްވުރެ ވަރުގަދަ ކުރުމަށް 7 ޤައުމަކުން އެއްބަސްވެއްޖެއެވެ.ޙަމަލާތައް އިތުރުކުރުމަށް އެއްބަސްވެފައިވަނީ އެމެރިކާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ނެދަލޭންޑްސް އަދި އޮސްޓްރޭލިޔާ އިންނެވެ. މި ޤައުމުތަކުން މިގޮތަށް ނިންމާފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ދިފާޢީ ވަޒީރުން ފެންވަރުގެ ބައްދަލުވުމުގައި ކަމަށް ޚަބަރު ލިބެއެވެ.މި ކަމާއިބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފަރަންސޭސި ދިފާޢީ ވަޒީރު ޖޮ އީވް ލުޑްރިއަން ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ހުރިހާ ފަރާތަކުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަސްކަރީ ވިސްނުންވެސް މިކަމުގައި އެއްގޮތް ކުރަންޖެހޭ ކަމަށް ފަރަންސޭސި ދިފާއީ ވަޒީރު ވިދާޅުވިއެވެ. ނުރައްކާތެރި އައި.އެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ބައިނަލްއަަޤްވާމީ އިއްތިހާދުން ޙަމަލާތައް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ.