ޚަބަރު

ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކުރާނީ ފުޑް ޕްރޮސެސިންގއާއި ޓެކްނޮލޮޖީ ދާއިރާއަށް


ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތްކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ދިއްދޫގައި އަޅާ ޖޫނިއަރ ކޮލެޖަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަޅާ ކޮލެޖެކެވެ.

ދިއްދޫގައި އިމާރާތްކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އާއި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުންވެސް ވޮކޭޝަނަލް ކޯސްތައް މިއިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދަނީ އަތޮޅުތެރެއަށް މަތީތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖޫނިއަރ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާންވެފައިވާ ވާހަކައެއްކަމަށާއި ތަރައްގީގެ ހުރިހާ ގޮތަކުން ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް މިތަން ހެދުމަކީ އަމާޒެއްކަމަށެވެ. އަދި މިޑިޒައިނަކީ ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާ ރަށުގެ މުހިއްމު ލޭންޑްސްކޭޕަކަށް ވާނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އެމްޑީޕީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަކީ. މަތީ ތައުލީމާއި ފުރުސަތުތައް އާ މޮޑެލެއްގެ ތެރެއިން ފަހިކޮށްދެވިގެން ދިއުން. ޒުވާނުންނަށް އާ ފުރުސަތުތަކެއް އާ އުއްމީދުތަކެއް ލިބުން. ޖޫނިއަރ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާން ވެއްޖެ ދައްކާ ވާހަކައެއް. ތަރައްގީގެ ހުރިހާ ގޮތަކުން ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ހެދުން. މިޑިޒައިނަކީ ވެސް ދިއްދޫ ރައްޔިތުން ފަޚުރުވެރިވާ ރަށުގެ މުހިއްމު ލޭންޑްސްކޭޕަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިއްދޫ ޖޫނިއަރ ކޮލެޖުން ނިކުންނަ މަސައްކަތްތެރިންނަކީ ދިއްދޫ ރައްޔިތުން ފަޚުރުވެރިވާފަދަ ހުނަރުވެރި ފަންނުވެރި ތައުލީމީ، އަދި އަޚުލާގީ ފެންވަރު ރަނގަޅުބަޔަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މި މަސައްކަތް ހަގީގަތަކަށްވެ ޑިޒައިނާއި އެއްގޮތަށް ތަން ނިމި މަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކޮންޓްރެކްޓުގައި ކުރިއަށްގެންގޮސް ނިންމާލުން އެއީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިއީ ދިއްދޫ އާއި ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުމަށް އޭނަވަނީ ޝުކުރު އަދާކޮށްފައެވެ.

"ދިއްދޫ ކައުންސިލްގެ ފަރާތުން ވެސް ވަރަށްބޮޑަށް ފާހަގަ ކުރޭ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ޑިޒައިން ސްޓޭޖުގައި ވެސް އަދި އެހެން ސްޓޭޖުތަކުގައި ވެސް ވަރަށް ބޮޑަށް ކައުންސިލާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށް. މިމަސައްކަތް ނިންމާލެވުނީ ވެސް އެއްބާރުލުމާއި އެކީގައި، އެއީ ދިއްދޫ ކައުންސިލްގެ ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް." އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. މިއީ މި ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.

މިޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ.

އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއި، ޖިމެއްގެ އިތުރުން އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެއެވެ.

މި މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.