ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްދޭ އެވޯޑްތަކަށް އަންނަމަހު ހުޅުވާލަނީ

ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު 12 ދާއިރާއަކުން އެވޯޑް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެވޯޑްތަކަށް ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން 12 ދާއިރާއަކުން ޖުމްލަ 48 އެވޯޑު ދިނުމަށް ވަނީ ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެވޯޑްދޭ ކެޓަގަރީތަކަކީ:

1)އެވޯޑް ފޯރ ސްޓާފް އެކޮމޮޑޭޝަން
2)އެވޯޑް ފޯރ ސްޓާފް މީލްސް
3)އެވޯޑް ފޯރ ސްޓާފް ރެކްރިއޭޝަން/އެންޓަޓެއިންމަންޓް
4)އެވޯޑް ފޯރ ހެލްތް ކެއަރ
5)އެވޯޑް ފޯރ ސޭފް ވާރކް އެންވަޔަރަމަންޓް
6)އެވޯޑް ފޯރ ޕަރޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
7)އެވޯޑް ފޯރ ލޯކަލް ކަލްޗަރަލް ޕާރފޯމާރސް
8)އެވޯޑް ފޯރ ލޯކަލް މިއުޒީޝަން
9)އެވޯޑް ފޯރ ލޯކަލް ޑީޖޭ
10)އެވޯޑް ފޯރ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
11)އެވޯޑް ފޯރ ހަޔަސްޓް ނަންބަރ އޮފް ފީމެއިލް ސްޓާފް
12)އެވޯޑް ފޯރ ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް

ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ މި އެވޯޑުތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މީގެއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާރކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެއެވެ.

މި ހުރިހާ އެވޯޑުތަކަކީ އަމިއްލައަށް ނަން ހުށަހަޅަންޖެހޭ އެވޯޑުތަކެއްކަމަށެވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި އެވޯޑުތަކަކީ ދިވެހިންނަށް ފަހިވާ ގޮތަށް، އަދި މުވައްޒަފުންނަށް ފަހިވާ ގޮތަށް ހުރި އެވޯޑުތަކެއް، މިއީ ޓޫރިޒަމް މިނިސްޓްރީން ދޭ އެވޯޑުތަކެއް" މިނިސްޓަރ ވިދާޅުވިއެވެ.

މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު 1- 30 ޖޫންގެ ނިޔަލަށް ހުޅުވާލެވޭނެއެވެ. މި އެވޯޑްތަކާއި ގުޅޭ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މި އެވޯޑަށް ޓްރޮފީ ޑިޒައިންކުރުމަށް ހާއްސަ މުބާރާތެއްވެސް ވަނީ ފަށާފައެވެ.

"މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 50000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާނެ، މި ހޮވޭ ޓްރޮފީ ޑިޒައިން ބޭނުންކުރާނީ މައިގަނޑު ޓްރޮފީއަކަށް،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 27 އިން އޮކްޓޯބަރުމަހުގެ 3 ވަނަ ދުވަހަށް ކުރިއަށްދާ ޓޫރިޒަމް ވީކުގެ ތެރޭގައިކަމަށެވެ.