ޚަބަރު

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ހަވާލުކޮށްފި


ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ޤައުމުތަކަށް ރަމަޟާންމަސްތެރޭ ކަދުރު ލިބޭނެ ކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ސަފީރުވަނީ އެ ޤައުމުގައި ކޯވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރުއަދާކުރައްވާފައެވެ.

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭއިރު ކަދުރު ބަހާނީ ފަޤީރުންގެ ގޭބިސީތަކަށް ކަމަށް އިސްލާމިކް މިނސްޓްރީން ވިދާޅުވެއެވެ. މިގޮތުން މާލެ، ވިލިމާލެއަށް މާލެސިޓީގެ އެހީތެރިކަމާއެކު ކަދުރުބަހަން ނިންމާފައިވާއިރު ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށެވެ.