ޚަބަރު

މަހިންދަ ރާޖަޕަކްސަ ޤައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި


ސުރީ ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ޤައުމުން ބޭރަށް ދިޔުން މަނާކޮށްފިއެވެ.

ސުރީ ލަންކާގެ ފޯޓު މެޖިސްޓުރޭޓު ކޯޓުންވަނީ 13 މީހެއްގެ މައްޗަށް ފުރުން މަނާކުރުމުގެ ޢަމުރެއް ނެރެފައެވެ. އޭގެ ތެރޭގައި މަހިންދައާއި އޭނާގެ ދަރިކަލުން ނަމާލް ރާޖަޕަކްސައާއި ވެރިކަންކުރާ ޕާޓީއަށް ނިޞްބަތްވާ މެންބަރުން ހިމެނެއެވެ. އެ މީހުންގެ މައްޗަށް ތުޙުމަތުކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ ޢާއްމުންނަށް ޙަމަލާދިނުމެވެ. އެ ހަމަނުޖެހުންތަކުގައި ނުވަ މީހުން މަރުވެ 200އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މަރުވި މީހުންގެ ތެރޭގައި ސަރުކާރަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްވެސް ހިމެނެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. ނަމަވެސް އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ނުރައްކާތެރިވެ ޢާއްމުންވަނީ އެ ޤައުމުގެ އިސްވެރިންގެ ގެދޮރާއި ވިޔަފާރިތަކުގައި ހުޅުޖަހައިފައެވެ. އޭގެ ތެރޭގައި ރާޖަޕަކްސަގެ އާޢިލާއަށް ނިޞްބަތްވާ ގެދޮރުގައިވެސްވަނީ ހުޅުޖަހައި މަހިންދަ ރާޖަޕަކްސަ ހުންނެވި ގެއަށް އެތައް ހާސް ބަޔަކުވަނީ ޙަމަލާދީފައިވެއެވެ. އެ ޙަމަލާތަކުން ރާޖަޕަކްސަ ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދަކަށް ގެންގޮސްދީފައިވަނީ ސުރީ ލަންކާގެ އަސްކަރިއްޔާއިންނެވެ. ސުރީ ލަންކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ މަހިންދަގެ އަމިއްލަ ސަލާމަތަށްޓަކައި އޭނާ ހުންނެވީ ޓުރިންކޮމަލީ ޑޮކް ޔާޑުގައި އަސްކަރިއްޔާގެ ޙިމާޔަތުގައިކަމަށެވެ. އަދި ސުރީ ލަންކާގެ ޙާލަތު ރަނގަޅުވުމުން މަހިންދަ ބޭނުންފުޅުވާ ތަނަކަށް އޭނާ ގެންގޮސްދިނުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.