އިޓާލިއަން ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން އިންޓަރ މިލާން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އިންޓާރ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ބައްދަލުކޮށް ކާމިޔާބު ކޮށްގެންނެވެ.
ފޯރިގަދަ ގަދަ އަދި ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް އިންޓަރއިން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެތީމް ދެ ލަނޑު ދެ ލަނޑުން އެއްވަރު ވުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އިންޓަރއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ނިކޮލާ ބަރެއްލާއެވެ. މިމެޗްގައި ޔޫވޭއިން އެއްވަރު ކުރި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި އެލެކްސް ސަންޑްރޯ ކާމިޔާބުކޮށްދިން އިރު އެޓީމްގެ ދެވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ޖަހާދިނީ ޑުސާން ވްލަހޮވިޗްއެވެ. މިމެޗްގައި އިންޓަރއިން އެއްވަރު ކޮށް އިތުރު ވަގުތު ކުޅެން ޖެއްސި ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހާދިނީ ހަކާން ޗަލްހަނޮގްލޫއެވެ. މިމެޗްގައި އިންޓަރއަށް ދެވަނަ ފަހަރަށް ލިޑު ނަގާދިނީ މެޗްގެ 99 ވަނަ މިނެޓްގައި އެޓީމަށް ލިބިގެންދިޔަ ދެވަނަ ޕެނލްޓީއިންނެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. އަދި އޭގެ ތިން މިނެޓްފަހުން އިންޓަރގެ ފަހު ލަނޑު ޖަހާދިނީވެސް ޕެރިސިޗްއެވެ.
މިކާމިޔާބީއާއެކު އިންޓަރ އިން މިވަނީ މިމުބާރާތުގެ ތަށި އަށް ވަނަ ފަހަރަށް އުފުލާލާފައެވެ. އަދި މިއީ 2011 ވަނަ އަހަރަށް ފަހު މިމުބާރާތުގެ ތަށި އިންޓަރއަށް އުފުލާލެވުނު ފުރަތަމަ ފަހަރެވެ.