ޚަބަރު

މާލެއަށް އެރި ވެލާގެ ބިސްތައް ފީވެ ކުދި ވެލާތައް ކަނޑަށް


މިދިޔަ މާޗު މަހުގެ 16 ވަނަދުވަހު މާލެއަށް އެރި ވެލާގެ ބިސްތައް ފީވެއްޖެއެވެ. މިބިސްތައް ފީ ކުރީ ފޯސީޒަން ކުޑަހުރާ ރިސޯޓްގައެވެ. ބިސްތައް ރިސޯޓަށް ގެންދިޔައީ އެރިސޯޓްގައި ވެލާ ކަހަނބު ހިމާޔަތްކޮށް ބަލަހައްޓާ މެރިން ޑިސްކަވަރީ ސެންޓަރުގެ ބެލުމުގެ ދަށުން ބިސް ފެނުނު ރޭގައެވެ.

ވެލާ އެޅި 87 ބިސް ފީކުރުމަށްޓަކައި ބިސްތައް ގެންގޮސް ވަޅުލީ އެރިސޯޓްގައެވެ. މީގެ ތެރެއިން ފީވީ 66 ބިސް ކަމަށް މެރިން ޑިސްކަވަރީ ސެންޓަރުން މަޢުލޫމާތުދެއެވެ. އެމްޑީސީން ބުނީ އެބިސްތައް ފީވެ ނިކުތް ކުދި ވެލާތައް ރޭ ފަތިހު ވަނީ މޫދަށް ފައިބައިގެން ގޮސްފައެވެ.

"ހިޔެއް ނުކުރަން އެހާ އަވަހަށް ވިހައިގެން ނުކުމެގެން ހިނގައިދާނެ ކަމަކަށް ވަރަށް ރަނގަޅަށް ފޮލޯއަޕް ކުރަމުން އައީ. އެކަމު ނުފެނި ވެލާތައް ނުކުމެގެން އެދިޔައީ" އެމްޑީސީ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދިރާސާތަކުން ދައްކާގޮތުން ވެލާ ބިސް ދަރި މައިވާނެކަމަށް ބެލެވިފައި އޮންނަނީ 60 ދުވަހާ 70 ދުވަހުގެ ދޭތެރޭ މުއްދަތެއްގައެވެ. އެހެންނަމަވެސް މާލެއަށް އެރި ވެލާގެ ބިސްތައް ދަރި މައިވެފައިވަނީ އެންމެ 55 ދުވަސްތެރޭގައެވެ. ވެލާ ކަނހަބު ބިސް ތޮށިން ނުކުތުމަށްފަހު ވެލިގަނޑުން މައްޗައް އެރުމަށްވެސް 3 ދުވަހާ 7 ދުވަހުގެ މުއްދަތެއް ނަގައެވެ. އެހެންކަމުން އެ ވެލާ އެޅި ބިސްތައް ފީވީލެއް އަވަސްކަމުން އެސެންޓަރުގެ މީހުންވެސް ތިބީ ހައިރާންވެފައެވެ.

މޫސުމަށް އަންނަ ބަދަލުންވެސް ބައެއް ފަހަރު ވެލާ ކަހަނބު އަޅާ ބިސްތައް އަވަހަށް ފީވެއެވެ. މިފަހަރު ދިމާވީ މިފަދަ ގޮތަކަށްވުންވެސް އެކަށީގެންވާ ކަމަށް ވެލާ ކަހަނބުގެ ދިރުން ހިމާޔަތް ކުރާ ފަރާތްތަކުން ބުނެއެވެ. އަނެއް ކަމަކީ ވެލާ ކަހަނބުގެ ބިސްތައް ދަރި މައިވާއިރު ބިންގަނޑު ފިނި ދުވަސްތަކެއް ނަމަ ގިނައިން ވިހާނީ ފިރިހެން ވެލައެވެ. އަދި ހޫނު މޫސުމުގައި ބިސްތައް ވިހާނަމަ ވިހާނީ އަންހެން ވެލާކަމަށް ދިރާސާތަކުން ދައްކައެވެ. އެކަމަކު ވެލާގެ ޖިންސު ވަކިވާނީ އޭގެ އުމުރުން ދިހަ އަހަރު ފަހުންނެވެ. އެވެސް އޭގެ ނިގުލަށް ބަލާފައެވެ. އެހެންކަމުން މާލެއަށް އެރި ވެލާއެޅި ބިސްތަކުން ފީވީ ފިރިހެން ވެލާތަކެއް ކަމަށް ދިރާސާގެ މައްޗައް ބަލާ ބުނެވިދާނެއެވެ.