ވިޔަފާރި

ގައްދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީކުރަނީ


ގދ. ގައްދޫ އައިސްޕްލާޓުގެ ކެޕޭސިޓީ އިތުރުކުރަން ނިންމައިފިއެވެ. މިފްކޯއިން ދަނީ ގދ.ގައްދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

މިފްކޯއިން ވިދާޅުވީ ގދ.ގައްދޫގައި ޤާއިމްކޮށް ހިންގުމުން ގެންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބަދަލުގައި މުޅިން އައު 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މިއީ މަސްވެރިންނަށް ފޯރުކޮށްދޭ އައިސްގެ މިންވަރު އިތުރުކޮށް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތެކެވެ.

މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އައިސް ޕްލާންޓް ގާއިމްކޮށް ނިމުމުން އެސަރަހައްދުގެ މަސްވެރިންނަށް އައިސް ފަސޭހަކަމާއި އެކު ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދެކުނަށް ހާއްސަކޮށްގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި ގދ.ތިނަދޫ އަދި މ.މުލަކުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުން ހިމެނެއެވެ.

ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.