ކުޅިވަރު

ދަރަނި ޚަލާސްކޮށް ވިކްޓަރީން ދެވަނަ ޑިވިޝަނުގައި ވާދަކުރަނީ


ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނި އަދާކުރުމުގެ ގޮތުން ފީފާ އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ވިކްޓަރީގެ ހިންގުމާ އައު ބޯޑަކުން ހަވާލުވިއިރު މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ ދަރަނި އަދާކުރުމާއި ގުޅޭގޮތުން ކަންތައްތަކެއް ނިންމާފައެވެ.

ވިކްޓްރީން މުސާރަނުދެވި ދިވެހި 22 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ.

ވިކްޓަރީން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ކުރެވެމުންދާ މަސައްކަތަކީ ފީފާ އާއި އެފްއޭއެމް އާއި ގުޅިގެން ބިދޭސީ ހަތަރު ކުޅުންތެރިންގެ ޖޫރިމަނާ ފައިސާ އާއެކު ދައްކަންޖެހޭ ޖުމްލަ އަދަދު ދެނެގަތުން ކަމަށެވެ، އަދި އެފައިސާ ދެއްކުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.

ވިކްޓަރީން ބުނީ ދަރަނީގެ އަދަދު ދެއްކުމަށްފަހު ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަންނަ ޖުލައި މަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތައް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ވިކްޓަރީން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މި މަހު ފަރިތަކުރުންތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެއެވެ.

ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ

ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީ އެންމެ ފަހުން އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކުރިއިރު، ވިކްޓަރީން ތުހުމަތުކުރީ އެ އަދަބަކީ އެ ކްލަބުން އިސްވެ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.