ޚަބަރު

އެޗްޑީސީގެ ކައުންޓަރުތަކުން، ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނާނެ ގަޑިތައް ހާމަކޮށްފި


ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަލައިގަތުން ކޮންމެ އާދީއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކުންފުނީގެ ކައުންޓަރުތަކުގައި ކުރިއަށްދާނެކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ އެކުންފުނީގެ ކަލެކްޝަން ކައުންޓަރުންނާއި ހިޔާ 11ވަނަ ޓަވަރުގެ ގްރައުންޑް ފްލޯއިން ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 09:00އިން ފެށިގެން މެންދުރު 14:00އަށް ފައިސާ ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.

މީގެ އިތުރުން މައިހުޅުމާލެ ޕޯޓަލް my.hdc.com.mv އަދި ކުއިކްޕޭ payments.hdc.com.mv/Quickpay މެދުވެރިކޮށް ކޮންމެ ގަޑިއެއްގައިވެސް ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުން މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޗް.ޑީ.ސީން ވަނީ ކުލި ނަގަން ފަށާފައެވެ. އެހެންނަމަވެސް ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި ވަނީ ސަރުކާރުން 3 ފަހަރެއްގެ މަތިން، ކުލި ނެގުން ފަސްކޮށްދިނުމަށް ފަހުގައެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެޗްޑީސީން ވަނީ ޖޫރިމަނާއާ ނުލައި މިދިޔަ މަހުގެ ނިޔަލަށް ކުލި ބަލައިގަތުން ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް މިމަހުން ފެށިގެން ކޮންމެ މަހެއްގެ 10ގެ ކުރިން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީންވަނީ އަންގަވާފައެވެ.

ހިޔާ ހައުސިން ޕްރޮޖެކްޓަކީ 6720 ހައުސިން ޔުނިޓެވެ. ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކޮށް، ފްލެޓްތައް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އޭރު ސަރުކާރުން ނިންމީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތަކަށް 3 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނަގަން ފެށުމަށެވެ. މިމުއްދަތު 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވުމުން ސަރުކާރުން ދެން މުއްދަތު ފަސްކުރީ، މިދިޔަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވީ، 2022ވަނަ އަހަރުގެ މަރޗް މަހުގެ ނިޔަލަށް މިމުއްދަތު އިތުރުކޮށްދެއްވުމަށެވެ.