ވިޔަފާރި

އޮފީސް މަސައްކަތްކޮށްލާނެ ތަނެއް ނެތީތަ؟ ހާސްނުވޭ މިއޮތީ ޙައްލު!


ރާއްޖޭގައި މިހާރު ގިނަ ޢަދަދެއްގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ. މިފަދަ ގިނަ ވިޔަފާރިތަކަކީ ގޭގައި ތިބެގެން ނުވަތަ ވަރަށް ކުޑަ ޖާގަތަކެއްގައި ހިންގާ ތަންތަނެވެ. އެހެންކަމުން އޮފީސް ބައްދަލުވުމެއް ނުވަތަ އެޑްމިނިސްޓްރޭޓިވްކަމެއް ކޮށްލާނެ ޖާގައެއްވެސް މާލޭގައި ހިންގާ މިފަދަ ގިނަ ވިޔަފާރިތަކަކަށް ނުލިބެއެވެ.

މިފަދަ ވިޔަފާރިތަކަށް އެފަދަ މަސައްކަތްކޮށްލާނެ ޖާގައެއް ތަނަވަސްކޮށްދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން އަންނަނީ "ސީޑް ބައި ބީސީސީ" ގެ ނަމުގައި އެކަން ފަހިކޮށްދެމުންނެވެ. ސީޑް ބައި ބީސީސީއަކީ ރާއްޖެއަށް ވަރަށް އައު ކޮންސެޕްޓެއްކަމަށް ބީސީސީއިން ބުނެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަރަށް ކާމިޔާބުކަމާއިއެކު ހިންގަމުންދާ ކޮންސެޕްޓެކެވެ. މިއީ ގިނަ ބަޔަކު އެއްތަނެއް ޝެއަރކޮށްގެން މަސައްކަތްކުރެވޭނެ ފަދަ މާހައުލެކެވެ.

މާލޭގެ ތަންތަނުގެ ކުލި ހުންނަގޮތުން ކުދި ވިޔަފާރިތަކަށް ކުއްޔަށް ތަނެއް ހިފައިގެން އެފަދަ މަސައްކަތްކުރުމަކީ ޚަރަދުގެ ގޮތުންވެސް ކުރެވޭނެ ފަދަ ކަމެއް ނޫނެވެ. އެހެންކަމުން ސީޑް ބައި ބީސީސީއިން ވިޔަފާރިތަކަށް ފަހިކޮށްދެނީ މިފަދަ މާހައުލެކެވެ. ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުންވެސް ކިޔަވާކުދިންނަށްވެސް މިތަން ބޭނުންކުރެވޭނެކަމަށް ބީސީސީއިން ބުނެއެވެ.

ބައެއް މަސައްކަތުގެ ޒާތުން އެ މަސައްކަތްތަކަކީ ކޮންމެހެން 8 ގަޑިއިރު އޮފީހުގައި ތިބެ މަސައްކަތްކުރަންޖެހޭ ތަންތަނެއް ނޫނެވެ. ހަފްތާއަކު 1 ދުވަހު ނުވަތަ 2 ދުވަހު ވަކި ގަޑިއިރެއް މަސައްކަތްކޮށްލައިގެން ފުދޭ ވިޔަފާރިތައްވެސް ހުރެއެވެ. ބީސީސީއިން ބުނީ ސީޑް ބައި ބީސީސީއަކީ އެފަދަ ފަރާތްތަކަށް ވަރަށް އެކަށީގެންވާނެ މާހައުލަކަށް ވެގެންދާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، ސީޑް ބައި ބީސީސީން މިހާރު ޕްރޮމޯޝަނެއްވެސް ފަށާފައިވާކަމަށެވެ. އެގޮތުން މިތަން ބޭނުންކުރުމަށް ގަޑިއިރަކަށް ދައްކަންޖެހެނީ 20 ރުފިޔާއެވެ. މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް ބީސީސީން ބުނެއެވެ.

"ސީޑް ބައި ބީސީސީގައި އަޅުގަނޑުމެން ޕްރޮމޯޝަންތަކެއް ފަށައިގެން ކުރިއަށްގެންދިޔައިން ވަރަށް ހެޔޮ އަގެއްގައި ގަޑިއިރަކަށް ބަލާކަމަށްވަންޏާ 20 ރުފިޔާއިން ދެން އަދި އޭތި މަހަކަށް ނޫނިއްޔާމުން ހަފްތާއަކަށް ނަގައިފިކަމުގައި ވަންޏާ 20 ރުފިޔާއަށްވުރެންވެސް އަގުހެޔޮވާނެ. އަގުހެޔޮކޮށް އަޅުގަނޑުމެން ފަށައިގެން މި ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތުވެސް މިހާރު މޭމަހުގެ ނިޔަލަށް އިތުރުވެސް ކޮށްލާފައި ވާނެ." ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، މި ކޮންސެޕްޓް ރާއްޖެއަށް އައު ވުމުން ފުރަތަމަކޮޅު މިތަން ބޭނުންކުރާ މީހުންގެ ޢަދަދު މަދުކަމަށެވެ. ނަމަވެސް މިހާރު މިތަން ބޭނުންކުރާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން މިއަހަރުތެރޭގައި އެކަނިވެސް 700 އެއްހައި މީހުން މިތަނުގެ ބޭނުންކޮށްފައިވާކަމަށް ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، މިދިޔަ ރަމަޞާންމަހަށް އެކަނި ބެލިކަމުގައި ވިއަސް މިތަން ބޭނުންކުރި މީހުންގެ ޢަދަދު އިތުރުކަމަށެވެ. އެއީ ވިޔަފާރި ބައްދަލުވުންތައް ޢާންމުކޮށް ބާއްވަނީ ކޮފީތަކުން ކަމަށްވުމާއި ރަމަޟާންމަހުގެ ދުވާލު ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުންކަމަށް ބީސީސީއިން ބުނެއެވެ.

"ފާހަގަކޮށްލަން މިތަނަކީ މާލޭގައި މިވަގުތު ލިބޭ އެންމެ ހައި އިންޓަނެޓް ސްޕީޑް ލިބޭނެ ތަނެއް. މީގެއިތުރުންހަމަ އޮފީހަކަށް ބޭނުންވާ ހުރިހައި ހިދުމަތްތަކެއް ސީޑް ބައި ބީސީސީއިން ލިބެން ހުންނާނެ. އެގޮތުން އިންޓަނެޓާއި، ޕްރިންޓިންގ، ސްކޭނިންގ، ޕޭންޓްރީގެ ޚިދުމަތާއި، ވެންޑިންގ މެޝިނެއްވެސް ބެހެއްޓިފައި ހުންނާނެ. މީގެއިތުރުން މި އިމާރާތުގެ ތިރީގައި އަޅުގަނޑުމެންގެ ފިހާރައާއިއެއްކޮށް ކޮފީޝޮޕްއެއްވެސް ޤާއިމްވެފައި މި ހުންނަނީ. އެހެންވީމަ ވަރަށް އެކަށީގެންވާ މާހައުލެއް މިއީ މަސައްކަތެއް ކޮށްލަން." ސާމިހް ވިދާޅުވިއެވެ.

ސީޑް ބައި ބީސީސީގައި އަމިއްލައަށް މަސައްކަތްކުރާނެ ތަންތަނާއި ބައްދަލުވުންތައް ބާއްވާނެ ތަންތަންވެސް ހުރެއެވެ. މިތަން ބުކް ކުރުމަށް އެތަނަށް ގޮސްގެންވެސް އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް ބުކް ކޮށްލެވޭނެއެވެ.

މިތަނުގައި ބޭނުންކޮށްފައި ހުންނަ ފަރުނީޗަރުތަކަކީވެސް ވަރަށް ހައިޓެކް ފަރުނީޗަރުތަކެކެވެ. މިއީ ދުނިޔޭގެ މައިކްރޯސޮފްޓް ގޫގުލްފަދަ ކުންފުނިތަކުގައި ބޭނުންކުރާ ސިއްހަތައްވެސް ބަލައިގެން ތައްޔާރުކޮށްފައި ހުރި ފަރުނީޗަރުތަކެއްކަމަށް ބީސީސީއިން ވިދާޅުވެއެވެ. އެހެންކަމުން މިތަން ބޭނުންކުރާ ފަރާތްތަކަށް އެތަނުގައި މަސައްކަތްކުރާއިރު މަސައްކަތްކުރާ މާހައުލަކީވެސް ހިތްފަސޭހަ އަރާމު މާހައުލަކަށް ވެގެންދާނެކަމަށް ބީސީސީއިން ބުނެއެވެ.