ވިޔަފާރި

އަންނައުނު ފެކްޓަރީއަށް އައްޑޫއިން ބިން ހަމަޖެހި، ކޮންސަލްޓެންޓެއް ހޯދުމަށް ބީސީސީން އިއުލާންކޮށްފި


އައްޑޫގައި އަންނައުނު ފެކްޓަރީއެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެހި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އެތަނުގެ އޮޕަރޭޝަނަލް ކޮންސަލްޓެންސީ ދޭ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އައްޑޫގައި އަންނައުނު ފެކްޓްރީއެއް ޤާއިމް ކުރުމަށް ނިންމާ އެކަން އެންމެ ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރު ފަހުކޮޅުއެވެ. އޭރު އެކަމަށް ބޭނުންވާ ކޮންސަލްޓެންސީ ހޯދުމަށް އެއަހަރު ޑިސެމްބަރުމަހު އިއުލާންކޮށްފައެވެ. އޭގެފަހުން މިތަން ޤާއިމުކުރުމާއި ގުޅޭގޮތުން މިދިޔަ އަހަރު މާރިޗުމަހު ރައްޔިތުންގެ ހިޔާލު ވަނީ ހޯދާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، ދެކުނުގައި އަންނައުނު ފެކްޓަރީއެއް ޤާއިމްކުރަނީ ފަތުރުވެރިކަމުގެ ދައިރާއަށް ޙާއްސަކޮށްގެން ކަމަށެވެ. އަދި މީގެ އިތުރުން މިތަނުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، މި ސިނާޢަތުގައި ބޭނުންވާ ޙާއްސަ ތަމްރީނުތައްވެސް ފޯރުކޮށްދެވޭނެ ގޮތަށް މިތަނުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ބީސީސީން މިމަސައްކަތުގެ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00އާ ހަމައަށެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިތަނުގެ އޮޕަރޭޝަނަލް ކޮންސަލްޓެންސީއަށް ހުޅުވާލާފައިވާއިރު، އައްޑޫސިޓީ ކައުންސިލުން މިއަހަރު މާރިޗުމަހު 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ އަންނައުނު ފެކްޓަރީ އެޅުމަށް ބިން ދޭން ނިންމާފައެވެ. މިޖަލްސާގައި އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވީ، މިފަދަ މަސައްކަތްތަކީ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އައްޑޫގައި އަންނައުނު ފެކްޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ބީސީސީން ފަށާފައިވާއިރު 1982 ވަނަ އަހަރުން ފެށިގެން އައްޑޫ ގަމުގައި އަންނައުނު ފެކްޓަރީތައް ހިންގިއެވެ. އެކި ގޮތްގޮތަށް ހިންގަމުން އައި މިފެކްޓަރީތައް އެންމެ ފަހުން ހުއްޓާލާފައިވަނީ 2005ގައި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނުން ދެމުން އައި ޓެކްސްޓައިލް ކޯޓާ ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ.