ވިޔަފާރި

"އެސް.އެމް.އީ" ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ކުރައްވައިގެން ދޫކުރައްވަން ނިންމަވާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނަށް އެދުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރިކުރައްވައިފިއެވެ.ކުރިން އިޢުލާންކުރައްފައިވާ ގޮތުން މާދަމާގެ ނިޔަލަށް މި ލޯނަށް އެދުމުގެ ފުރުޞަތު ހަމަވާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 31 އާ ހަމައަށް އިތުރުކުރައްވާފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.އެ މިނިސްޓްރީގެ އެސްއެމްއީ ކޮންސަލްޓަންޓް އިބްރާހީމް ފިރުޝާން ވިދާޅުވީ، އެޕްލިކޭޝަން ފޯމު އިކޮނޮމިކް މިނިސްޓްރީއާއި އަތޮޅުތެރޭގައި ޤާއިމްކުރައްވާފައިވާ ބިޒުނަސް  ސެންޓަރުތަކުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށެވެ. އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް މި ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ.އަންހެނުންނާއި ޒުވާނުންނާއި އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރުކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަޙައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ތިމާވެށި ޙިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް މި ލޯން ސްކީމްގައި އިތުރަށް މާކްސް ލިބޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ.އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދެއްވުމަށްވަނީ ނިންމަވާފައެވެ. އަދި ގިނަ ބަޔަކު ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރައްވަން ނިންމަވާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާއެވެ.ލޯން ދޫކުރައްވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރު ފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ޚިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިއަށް ލޯން ދެއްވަން ކަނޑައަޅުއްވާފައިވެއެވެ.