ޚަބަރު

ޖޭއެސްސީގެ މެންބަރުކަމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް އައްޔަންކުރައްވައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުކަމަށް ހދ.ވައިކަރަދޫ، ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މުޙައްމަދު ނިޔާޒާ ވަނީ ޙަވާލުކުރައްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު މަތީތަޢުލީމު ހާސިލުކުރެއްވީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.

ޖޭއެސްސީއަށް ނިޔާޒް އައްޔަންކުރެއްވީ، އެ ކޮމިޝަންގައި ހައިކޯޓުގެ ފަރާތުން އައްޔަންކުރައްވާފައި އިންނެވި އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުން މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވާ މެންބަރުން:

1-ރައްޔިތުންގެ މަޖިލީހުގެ ރައީސް/ މުޙައްމަދު ނަޝީދު
2-ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު/ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު
3-ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު/ އަލްއުސްތާޛު މުޙައްމަދު ނިޔާޒް
4-ދަށުކޯޓުތަކުގެ ފަނޑިޔާރު/ އަލްއުސްތާޛު ޢަލީ ޝަރީފް
5-ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރު. ޙިސާން ޙުސައިން (ކޮމިޝަންގެ ރައީސް)
6-ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް/ މުޙައްމަދު ނާޞިޙް
7-ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ މެންބަރު/ އަލްއުސްތާޛު މަސްތޫރު ޙުސްނީ (ކޮމިޝަންގެ ނާއިބު ރައީސް)
8-ދަޢުލަތުގެ ބަންޑާރަނައިބު/ އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
9-ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލެއް/ އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން
10- ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު/ އާމިނަތު އުއްމުކުލްޘޫމް

ޖޭއެސްސީގެ މަސައްކަތްތަކުގެތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގަވާއިދުތަކާއި ފަނޑިޔާރުންނާގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި އަދި ކޮމިޝަނުގެ އިދާރީ އެކިއެކި ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި ފާސްކޮށް ހިންގުމަކީވެސް ޖޭއެސްސީގެ ޒިންމާއެކެވެ.

މީގެ އިތުރުން ޖޭއެސްސީގެ މަސައްކަތްގެ ތެރޭގައި ޢަދުލު އިންސާފު ޤާޢިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމާއި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުންފަދަ މަސައްކަތްތައް ހިމެނެއެވެ.