ދުނިޔޭގެ ވިޔަފާރި

ބާޒާރަށް އައިޕޮޑް ނެރުނު ހުއްޓާލަން އެޕަލްއިން ނިންމައިފި


ލަވައާއި މުއިޒިކް އަޑުއެހުމަށް އިންޤިލާބީ ބަދަލެއް ގެނެސްދިން "އައިޕޮޑް" ބާޒާރަށް ނެރުން ހުއްޓާލުމަށް އެޕަލް ކުންފުނިން ނިންމައިފިއެވެ.

އެޕަލް ކުންފުނިން އަންގާރަދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ބާޒާރަށް މިހާރު ނެރެމުންދާ އައިޕޮޑްގެ އެންމެފަހު މޮޑެލް ބާޒާރަށް ނެރުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އެޕަލް އައިޕޮޑްގެ އެންމެފަހުން ނެރުނު މޮޑެލް ބާޒާރަށް ނެރުން ހުއްޓާލުމަށް އެޕަލްއިން ނިންމުމާއެކު، މުއިިޒިކީ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެވުނު އައިޕޮޑަށް ނިމުމެއް އަންނާނެއެވެ. އެޕަލްއިން ބުނީ އައިޕޮޑް އުފެއްދުން ހުއްޓާލިނަމަވެސް، އުފައްދާފައިވާ އައިޕޮޑްތަކުގެ ސްޓޮކް ހުސްވަންދެން ކަސްޓަމަރުންނަށް އައިޕޮޑް ގަންނަން ލިބޭނެކަމަށެވެ.

އައިޕޮޑް ނެރުން ހުއްޓާލިނަމަވެސް، އައިޕޮޑުން ކުރެވޭނެ ހުރިހާ ބޭނުމެއް އެޕަލްގެ އެހެން ޑިވައިސްތައްކަމަށްވާ، އައިފޯނު، އައިޕެޑް އަދި އެޕަލް ވޮޗުން ކުރެވޭނެއެވެ. އެހެންކަމުން އައިޕޮޑް ނެތިގެން ނުވާނެކަމެއް ނޯންނާނެކަމަށް އެޕަލްއިން ޤަބޫލުކުރެއެވެ.

އެޕަލް އައިޕޮޑް އެންމެފުރަތަމަ ބާޒާރަށް ނެރުނީ އެޕަލްގެ ބާނީގެ ސްޓީވް ޖޮބްސްގެ މޭސްތިރިކަމުގެ ދަަށުން 2001 ވަނަ އަހަރުއެެވެ. ގެންގުޅެން ފަސޭހަ، ކުޑަކުޑަ ޑިވައިސްއަކަށް އައިޕޮޑް ވެގެންދިޔައިރު، އެތައް ހާސް ލަވައެއް ރައްކާކުރެވޭ އައިޕޮޑްއާއެކު ކުރިން ލަވަ އަޑުއަހަން ގެންގުޅުނު ފަހަރަކު ސީޑީއެއް ލައްވާ ވޯކްމަންތަކުގެ ބޭނުން ކެނޑުނެވެ.

އެޕަލްއިން ބުނާގޮތުން 2001 ވަނަ އަހަރު ލޯންޗުކުރި އައިޕޮޑުގެ 100 މިލިއަން ޑިވައިސް 2007 ވަނަ އަހަރުގެ ނިޔަލަށް ވިއްކާފައިވެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ އީޖާދީ ކުންފުނިތަކުގެ ތެރޭގައި އެޕަލް ހިމެނޭއިރު، އެކުންފުނިން ދަނީ ޓެކްނޮލޮޖީގެ ބާޒާރަށް އީޖާދީ އެތަކެއް އުފެއްދުންތައް ނެރެމުންނެވެ. އެގޮތުން މިހާރު އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަޤްބޫލުކަން ބޮޑީ އެޕަލް އައިފޯނެވެ.