ހުޅުމާލޭ 7 ބިމެއްގައި މިކްސް ޔޫސް އެޕާޓްމަންޓް ބިލްޑިންތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން އިއުލާންކޮށްފިއެވެ.
މިޓަވަރުތަކުގައި ތަރައްޤީކުރާ ފްލެޓްތައް އިމާރާތްކުރަނީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށްކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އަޅާ މިކްސް ޔޫސް އެޕާޓްމަންޓްތައް އަޅަނީ ހުޅުމާލޭ ފޭސް 1ގައެވެ. މި 7 ބިމުގެ ތެރޭގައި ހިމެނެނީ 26،400 އާއި 34،300 އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. މިއީ ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް އޮތް ހަތަރު ބިމަކާއި ސެންޓްރަލް ޕާކު ކައިރިން ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސްމަގަށް ވާ ގޮތަށް އޮތް ތިން ބިމެވެ.
އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނީ މިތަންތަނުގައި އަޅަންޖެހޭނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 700 އަކަފޫޓު ހުންނަންޖެހޭއިރު 3 ކޮޓަރީގެ ތަންތަނުގައި 900 އަކަފޫޓު ހުންނަންޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ. މިތަންތަން އަޅަނީ 14 ފަންގިފިލާއަށެވެ. ތިރި ހާއްސަކުރާނީ ވިޔަފާރީގެ ބޭނުމަށެވެ.
އެއްފަރާތަކަށް ޕްރޮޕޯސަލް ހުށައެޅޭނީ އެންމެ ގިނަވެގެންވެސް 3 ބިމަކަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށް ޕްރީ ޕްރޮޕޯޒަލް ބައްދަލުވުމެއް ބާއްވާނެ އެވެ. އެޗްޑިސީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ޖޫން ހަޔަކުން ފެށިގެން އެމަހުގެ 23ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
2 ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 60 ޕަސެންޓް ތަންތަނުގެ އަގު ހުންނާނީ 1.5 މިލިއަން ރުފިޔާގައެވެ. އަދި ތިން ކޮޓަރީގެ ތަންތަން 2.5 މިލިއަނަށްވުރެ ބޮޑު އަގުގައި ވިއްކައިގެން ނުވާނެކަމަށް އެޗްޑީސީން ބުނެއެވެ. މި ހަތް ބިމުގައި އަޅާ އިމާރާތްތަކަކީ ތިން އަހަރު ދުވަސް ތެރޭ ނިންމަން ހަވާލުކުރަން ޖެހޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރަމުންދާއިރު، މާލެ ސަރަޙައްދުގައި ތަރައްޤީކުރަމުންދަނީ ފްލެޓް ޓަވަރުތަކެވެ. އަދި ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.