ވިޔަފާރި

ލަގްޒަރީ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އައިއެލްޓީއެމް އެރެބިއާއަށް


ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ ތަޖުރިބާތައް މެދުއިރުމަތީގެ މާކެޓްގައި އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) އެރެބިއާގައި ބައިވެރިވެއްޖެއެވެ.

މިއީ މެދުއިރުމަތީގައި ބާއްވާ ލަގްޒަރީ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ، ނުވަތަ ދުބައީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ އައިއެލްޓީއެމް އެރެބިއާ އޮންނާނީ މިމަހުގެ 10 އިން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އޭޓީއެމް 2022ގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ.

އޭޓީއެމްގެ ވަކި ޒޯނެއްގައި ކުރިއަށްދާ އައިއެލްޓީއެމް ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނަށް މި ދާއިރާގެ މާކެޓިން އަދި ސޭލްސް އާއި ގުޅޭ މައުލޫމާތުދީ ފުރުސަތުތައް ފަހިކޮށްދޭ ހަރަކާތެކެވެ. މި ފެއަރއަށް ދުނިޔޭގެ އެންމެ ބޮޑެތި ހޮސްޕިޓަލިޓީ ބްރޭންޑުތަކާއި، ޓްރެވަލް ޑިޒައިނަރުންނަށް ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކޮށްދޭ ހަރަކާތެއްވެސް މެއެވެ.

މިގޮތުން މަތީފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުން ބައްދަލުކޮށް ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއެވެ. މިއީ ހާއްސަކޮށް މެދުއިރުމަތީގެ ބަޙްރެއިނުން ފެށިގެން ޔަމަނާ ހަމައަށް އޮންނަ ޤައުމުތަކުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރާނެއެވެ. މެދުއިރުމައްޗާއި، ދުނިޔޭގެ އެހެން ކަންކޮޅުތަކުން މިފަދަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކާއެކު މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ގުޅުން ބަދަހިކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މެދުއިރުމައްޗާއި، އެހެން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކުގެ މައުލޫމާތާއި، ތަފާތު ތަޖުރިބާތައް އަންގައިދޭނެއެވެ.

މިދިޔަ އަހަރު މެދުއިރުމަތިން 91413 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ސައުދީ އަރަބިޔާއަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މި އަހަރު މާރޗް މަހުގެ ނިޔަލަށް 21117 ފަތުރުވެރިންވަނީ މެދުއިރުމަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެމްއެމްޕީއާރުސީން ބުނީ ދިވެހިރާއްޖޭގެ ރީތި ނަން މެދުރިރުމަތީގައި ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވާކަމަށެވެ.