ކުޅިވަރު

ސިންގަލްސް މެޗުތަކުން މޮޅުވެ ދީމާ ކުއާޓާއަށް


ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ ސިންގަލްސް މެޗުތައް ކާމިޔާބުކޮށް، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު އަންހެން ސިންގަލްސްގެ ހަތަރު މެޗުވެސް ދީމާ ވަނީ ކާމިޔާބުކޮށްފައެވެ.

ޖޫނިއާ ކެޓަގަރީގެ ސިންގަލްސްގެ ފުރަތަމަ މެޗުގައި ދީމާ ނުކުތީ ސްރީ ލަންކާގެ އައިލާ ޗިއްޓިއާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ދީމާ ނުކުތީ ނޭޕާލުގެ އިވާނާއާ ދެކޮޅަށެވެ. މި މެޗުވެސް ދީމާ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.

ކެޑޭޓް ކެޓަގަރީގެ އަންހެން ސިންގަލްސް ފުރަތަމަ މެޗުގައި ދީމާ ނުކުތީ ބަންގްލަދޭޝްގެ އޮއިޝީީ ރަޙްމާނާ ދެކޮޅަށެވެ. މި މެޗު ދީމާ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އަދި ފަހު މެޗުގައި ނޭޕާލްގެ ބިޔަންކާ ރާއީ އަތުންވެސް ދީމާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ.

މީގެ އިތުރުން ޖޫނިއާ ކެޓެގަރީގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗު ރަފާ ކާމިޔާބުކުރީ ޕާކިސްތާނުގެ ހޫރު ހަސަން އާއި ވާދަކޮށް 3-2 ސެޓުންނެވެ.

އަންހެން ޑަބަލްސް އިވެންޓުންވެސް ރާއްޖެއަށް ދެ ލޯ މެޑެލް

މި މުބާރާތުގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ އަންހެން ދެ ޕެއާ ކުޅުނު ދެ ސެމީ ފައިނަލުން ބަލިވެ ލޯ މެޑެލަކާއެކު ވަނީ ނިންމާލަން ޖެހިފައެވެ.

މި މުބާރާތުގެ ދެ ކެޓަގަރީގެ ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ހަތަރު ޕެއާއެއް ވާދަކުރިއެވެ. އޭގެ ތެރެއިން އަންހެން ދެ ޕެއާ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. އެއީ ޖޫނިއާ ބައިގެ އަންހެން ކެޓަގަރީގައި ވާދަކުރި ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާ އާއި، ކެޑޭޓްގެ އަންހެން ބައިގައި ވާދަކުރި ދީމާ އާއި މިޝްކާ މުޙައްމަދު އިބްރާހިމްގެ ޕެއާއެވެ.

ސެމީ ފައިނަލުގައި ދީމާ އާއި ރަފާގެ ޕެއާ ބަލިވީ އިންޑިއާގެ ޕެއާ އަކާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ކެޑޭޓް ބައިގެ ސެމީ ފައިނަލުގައި ދީމާ އާއި މިޝްކާ ބަލިވީ ޕާކިސްތާނާއި ވާދަކޮށް 3-2 ސެޓުންނެވެ. އަދިޖޫނިއާ ބައިގެން އަންހެން ޑަބަލްސް އިން ރާއްޖޭގެ ރަފާ އާއި ދީމާ ބަލިވީ އިންޑިއާގެ ޔަޝަސްވަނީ އާއި ސުވަސްތިކާ އަތުން ސީދާ ތިން ސެޓުންނެވެ.

އަންހެން ޑަބަލްސް އިވެންޓުންވެސް ދެ ލޯ މެޑަލް ރާއްޖެއަށް ލިބުނުއިރު، ޓީމް އިވެންޓުގެ ޖޫނިއާ އާއި ކެޑޭޓްގެ އަންހެން ބައިން ރާއްޖޭގެ އަންހެން ޓީމް ވަނީ ލޯ މެޑަލް ހޯދާފައެވެ. އެއާއެކު މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ވަނީ ހަތަރު ލޯ މެޑެލް ހޯދާފައެވެ.