އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ކުލަބުގްރީން ސްޓްރީޓްސް ބަލިކޮށް، ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ކުރިއަށް ޖެހި ގްރީންގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް ގްރީން ސްޓްރީޓްސްއިން ވަނީ ރަނގަޅު ޑިފެންސެއްކޮށް މާޒިޔާގެ ހަމަލާތައް ހުއްޓުވައިފައެވެ. މިހާފުގައި ލަނޑު ޖަހަން މާޒިޔާގެ ސްޕެއިން މިޑްފިލްޑަރު ޓަނަ ޑޮމިންގޭޒާއި އިބްރާހީމް އައިސަމް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު އަޙްމަދު ރަމީޒްއެވެ.
މާޒިޔާއިން ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައި އައިސަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އައިސަމް ވަނީ އިތުރު ލަނޑެއް ޖަހާ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
އަދި މާޒިޔާގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު)އެވެ. އަދި އެޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 12 މެޗުން ލިބުނު 33 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ އެއް މެޗު މަދުން ކުޅެ ލިބުނު 28 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ ތިންވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.