ޚަބަރު

އޭ.އައި.އައި.ބީގެ އެހީތެރިކަން ހުޅުމާލޭގެ 2 މަޝްރޫޢަކަށް


އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން އެހީ ހޯދާ އެންމެ ފުރަތަމަ ދެ މަޝްރޫއުގެ ގޮތުގައި ސަރުކާރުގެ
ވިސްނުމުގައި ހުރީ ހުޅުމާލޭ 2 ވަނަ ފިޔަވައްސާއި ސްޕޯޓްސް ސިޓީގެ މަޝްރޫޢުކަަމަށް
ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



އޭ.އައި.އައި.ބީ އުފެއްދުމުގެ
ޖަލްސާއަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް
ބޭންކްގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހޯއްދެވުމަށް
ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ.



އެގޮތުން ރާއްޖޭގެ  ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދޭ އެ ބެންކުން
މިއަހަރު ތެރޭގައި ލޯން ދޫކުރުމަށް ނިންމާފައިވާއިރު ރާއްޖެއިން ބޭނުންވާ ތަރައްޤީގެ
މަޝްރޫތަކަށް ފައިސާ ހަމަޖައްސައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމުގެ
ޔަޤީންކަން އެ ބެންކުގެ ރައީސް ދެއްވާފައިވާ ކަމަށް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު
މުއިއްޒު ވިދާޅުވިއެވެ.



މުޢިއްޒު ވިދާޅުވީ އެ
ބޭންކުގެ ރައީސް އާއި ބައްދަލުކޮށް ރާއްޖޭގެ އެކިއެކި ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ
ކުރިއިރު ރާއްޖެއަށް ބޭނުންވާ ލޯން ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ
ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.



ބައިނަލްއަޤްވާމީ މާލީ
ދާއިރާގައި ވޯލްޑް ބޭންކާއި އައި.އެމް.އެފްއާއި ވާދަކުރުމުގެ މަޤްސަދުގައި ޗައިނާއިން ޤާއިމުކުރި އޭޝިއަން އިންފްރާސްޓަރަކްޗަރ
އިންވެސްޓްމެންޓް ބޭންކް ނުވަތަ އޭ.އައި.އައި.ބީގެ މައި ޙިއްސާދާރުންނަކީ ޗައިނާ، ރަޝިޔާ
އަދި އިންޑިއާއެވެ. މި 3 ޤައުމުގެ އިތުރުން ފައުންޑިންގ މެމްބަރުންގެ ގޮތުގައި
54 ޤައުމަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ، ފަރަންސޭސިވިލާތް، ސަޢޫދީ
ޢަރަބިއްޔާ، އީރާނަ ފަދަ ޤައުމުތައް ހިމެނެއެވެ.