ޚަބަރު

ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެ


މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ދިވެހި ފިރިހެނަކު ފިތިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މ.އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ. އެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.